ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އިމާރާތުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް އެން.ޑީ.އެމް.އޭ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން "މި އޮތޯރިޓީންވަނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައި،" ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ބަދިގޭގައި އަލިފާން ބޭނުންކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއްވައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިދާރާތަކުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!