ވިލިމާލޭގައި ތަރައްޤީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވަރަށް މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއި، މި މަޝްރޫޢަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
A significant milestone today as Maldives and China signed the Implementation Agreement for the China–Maldives Friendship Hospital in Vilimale’. The tertiary-level hospital in Vilimale’ is a presidential commitment of H.E. Dr. Mohamed Muizzu. pic.twitter.com/6AhFuhjY09
— Abdulla Muththalib (@muththo) January 19, 2026
ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 12,890 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކުގެ އިތުރުން މެޑިކަލް ވޯޑުތަކާއި އިދާރީ އޮފީސްތައް ހިމެނޭނެއެވެ. މީގެ އިތުރުން، ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް ޗައިނާ ސަރުކާރުގެ އެހީގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، މާލެ ސަރަހައްދުގައި ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!