މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ނުކުރާ ބައެއް ބޭސްތައް ރާއްޖެ އެތެރެކޮށް، އޮންލައިން ޕޭޖުތަކުގައި އިސްތިހާރުކޮށްގެން ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ވިޔަފާރީގެ އުސޫލުން ބޭސް އެތެރެކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް އެ އޮތޯރިޓީން ކަނޑައަޅާފައިވާ "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

Ad
rt

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، މިހާރަކަށް އައިސް ބައެއް އޮންލައިން ޕޭޖުތަކުގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ Semaglutide އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ Azelaic Acid އަކީ މޫނު އަލިކުރާ ބޭހެއްގެ ގޮތުގައި އިސްތިހާރުކޮށް ވިއްކަމުންދާކަން ވަނީ ފާހަގަވެފައެވެ.

މިފަދަ ބޭސްތަކަކީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ލަފަޔާއި ބޭސްސިޓީއަށް ނޫނީ ދޫކުރެވޭނެ ބޭސްތަކެއް ނޫންކަން ފާހަގަކޮށް، އެމްއެފްޑީއޭ އިން ބުނީ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.