ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނައީމް އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ އެ އާއިލާއަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނައީމްގެ ހަނދާންތަކާ ކަމަށެވެ.
"އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ،" ރައީސް ވިދާޅުވިއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ. މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ… pic.twitter.com/XdCUycQmyZ
— Dr Mohamed Muizzu (@MMuizzu) January 13, 2026
އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް
އުމުރުފުޅުން 74 އަހަރުގައި ނައީމް އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު މާލޭގައެވެ. އޭނާގެ ވަކިވެދިއުމާ ގުޅިގެން އެމްއޭސީއެލުން ބުނީ މިއީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ހުސްކަމެއް ކަމަށެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ދާއިރާ ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތާއި ފޯރުކޮށްދެއްވި ހިދުމަތްތައް އަބަދުވެސް ހަނދާން އާކުރާނީ އިހުތިރާމާއި ޝުކުރުވެރިކަމާ އެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުޙައްމަދު ނަޢީމް ނިޔާވެއްޖެ
ނަޢީމަކީ ރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަރުކަޒަކަށް ބަދަލުވުމަށް މަގުފަހިކޮށްދިން ސަލާމަތީ އަދި އޮޕަރޭޝަނަލް މިންގަނޑުތައް ގާއިމުކުރުމުގައި އިސްނެންގެވި ބޭފުޅެކެވެ. އޭނާ ވަނީ ކޮންޓްރޯލް ޓަވަރުގެ އިތުރުން އިދާރީ އަދި ރެގިއުލޭޓަރީ ދާއިރާގެ އިސް މަގާމުތައް ފުރުއްވައި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) އުފެދިގެން އައި ކުރީކޮޅު މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޚާއްޞަކޮށް ބައިނަލްއަގުވާމީ އެއަރލައިންތައް ރާއްޖެއަށް ގެނައުމަށްޓަކައި ކޮންމެހެން ބޭނުންތެރިވި އައި.ސީ.އޭ.އޯ މިންގަނޑުތަކަށް ރާއްޖެ ފެއްތުމުގައި ނައީމް އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން، އޭވިއޭޝަން ދާއިރާގެ އާ ޖީލެއްގެ ކޮންޓްރޯލަރުންނާއި އޮފިޝަލުން ތަމްރީނުކުރައްވައި، އެ މަސައްކަތަށް ބޭނުންވާ ފަރުވާތެރިކަމާއި އަޚުލާގު އުނގަންނައިދެއްވުމުގައި އޭނާއަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ.
މަރްޙޫމް ނައީމްގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ ހުޅުމާލެ ސަހަރާގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!