މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފިއެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. އެއީ، ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މީހުންނަކީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާ ނެޓްވޯކެއްގެ އިސް މީހުންނެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކޮށްފައިވާކަން ހާމަވުން
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެއެވެ. މި ނެޓްވޯކްގައި އިސްވެ ހަރަކާތްތެރިވާ ފަރާތާއި، އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކުމާއި މަނީ ލޯންޑަރިންގައި ހަރަކާތްތެރިވާ 19 ފަރާތެއް ފުލުހުން ވަނީ ދެނެގަނެފައެވެ.
ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހައްޔަރުކުރި މީހުންގެ އެކައުންޓުތަކަށް ބަލާއިރު، އަޙްމަދު އަނާމް އިބްރާހީމްގެ އެކައުންޓުގައި 38.8 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، އޭނާއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 271,874 ރުފިޔާއެވެ. އަޙްމަދު މަދީޙުގެ އެކައުންޓުގައި 17.1 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، ޝައްފާޙް ލަޠީފްގެ އެކައުންޓުގައި 6.9 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މި އެންމެންގެ އެކައުންޓަށްވެސް މުސާރައިގެ ގޮތުގައި ވަދެފައިވަނީ ދައުރުވެފައިވާ ފައިސާއާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ހަތަރުވަނަ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ވަނީ ފްރީޒްކޮށްފައެވެ.
ފުލުހުން ގެންދަނީ މި ނެޓްވޯކާ ގުޅުންހުރި އެހެން ފަރާތްތަކުގެ މައްސަލަތައްވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!