މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މާލެ ސަރަހައްދާއި ގއ. އަތޮޅުގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން ހިންގި ހަރަކާތެކެވެ.

Ad
rt

ހައްޔަރުކުރި މީހުންގެ ތަފްސީލް

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި، މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި، އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙް އަދި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ނޫރުއްނިޡާމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

އޮޕަރޭޝަން އަލިމަގު: ކާމިޔާބު މަސައްކަތްތަކެއް

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށި 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ފުލުހުން ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސިލްސިލާ އޮޕަރޭޝަންތަކުގައި މިހާތަނަށް ގާތްގަނޑަކަށް 100 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަގުފާރި ފުޅާދާއިރާއެއްގައި ކުރާ ފަރާތްތަކާއި، އެ ވިޔަފާރިން ހޯދާ ފައިސާ ދައުރުކުރާ ނެޓްވޯކްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ނައްތާލުމެވެ.