ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ މަނަދޫގައި ބާއްވާފައެވެ.

Ad
rt

މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ.

މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވިއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 28 ނޮވެމްބަރު 2025 ގައި ވިދާޅުވެފައެވެ.

ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމާއި ގުޅިގެން އެދުވަހު (28 ނޮވެމްބަރު 2025) މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށާއި، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިމި ރޯދަމަހުގެ ކުރިން (އިރާދަކުރެއްވިއްޔާ) ހުޅުވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ވެސް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެސް ޑިސެންބަރު މަހު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވެފަވެއެވެ.