ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ''އަމާން އުދަރެސް'' 4000 ފްލެޓްގެ ތެރެއިން އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިފަހަރު ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ގެ އިތުރުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތަކެވެ.
ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އިން މެންދުރު 3:30 އަށް ކުރިއަށްދާނެ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ. ޓަވަރުތައް ހަވާލުކުރުމަށް ވަނީ ވަކި ތާވަލުތަކެއް ކަނޑައަޅާފައިވާއިރު، އުދަރެސް ޓަވަރުތައް ޑިސެންބަރު 2 ވަނަ ހަފްތާގައި އަދި ދޯދި ޓަވަރުތައް ޑިސެންބަރު 5 ވަނަ ހަފްތާގައި ހަވާލުކުރުމަށް ވަނީ ލަފާކުރެވިފައެވެ.
ފްލެޓްތަކުގެ އިމާރާތުގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިމިފައެވެ. ނަމަވެސް، ގިނަ ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ. މި ޓެސްޓްތަކަކީ ރައްކާތެރިކަމާއެކު ދިރިއުޅުން ފެށުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެކެވެ.
މި ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ސަރުކާރުން ވަނީ ބޮޑު ލުޔެއް ދިނުމަށް ނިންމާފައެވެ. ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާއިރު، މީގެ ސަބަބުން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9000ރ އަށް އަދި 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 7000ރ އަށް ކުޑަކުރެވޭނެއެވެ. މިއީ ފްލެޓް ލިބޭ އާޢިލާތަކަށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!