ދިވެހިރާއްޖޭގެ ދަނޑުވެރިން އަހުލުވެރިކުރުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

މިއީ އެގްރިކަލްޗަރ މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ''އެމް-ގެޕް'' ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ.

Ad
rt

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ރާއްޖޭގެ 22 ރަށަކުން ޖުމްލަ 55 ފަރާތެއް ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ކައުންސިލް އޮފިޝަލުންނާއި ދަނޑުވެރިން ހިމެނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނިގޮތުގައި މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކޮށް، ސިއްޙަތަށް ރައްކާތެރި އަދި ފައިދާހުރި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމެވެ.

ވޯކްޝޮޕްގެ ފުރަތަމަ ދުވަހުގެ ތިއަރީ ބައި މިހާރު ކުރިއަށްދަނީ މާލޭ ސިޓީގައެވެ. ނަމަވެސް، ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ޕްރެކްޓިކަލް ބައި ހިންގުމަށްޓަކައި ބައިވެރިން މާދަމާ އއ. ތޮއްޑޫއަށް ދާނެއެވެ. ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާކޮށް ކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

''އެމް-ގެޕް'' ސްޓޭންޑަރޑަށް ރާއްޖޭގެ ދަނޑުވެރިން އަހުލުވެރިކުރުވުމަކީ ދިގު މުއްދަތަކަށް ކުރާ މަސައްކަތެކެވެ. މިހާތަނަށް ރާއްޖޭގައި ''އެމް-ގެޕް'' ސެޓިފައިޑް ވެފައިވަނީ ށ. ގޮއިދޫގެ 10 ދަނޑެވެ. މިއީ އެ ސްޓޭންޑަރޑްގެ ފުރަތަމަ ފަސް މޮޑިއުލް ފުރިހަމަކުރި ދަނޑުތަކެވެ.

މި ވޯކްޝޮޕްގެ ސަބަބުން އިތުރު ރަށްރަށުގެ ދަނޑުވެރިންނަށް ''އެމް-ގެޕް''ގެ މިންގަނޑުތަކަށް ފެތިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.