އިސްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން ކުރިމަތިވި މަޖުބޫރީ ހާލަތާއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށްފަހު، ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ދަރިވަރުން ހާޒިރުކޮށްގެން އަލުން ކިޔަވައިދޭން ފަށައިފިއެވެ.

އިސްރާއީލުން ގަސްދުގައި ދިން ހަމަލާތަކުގައި ވަނީ ޣައްޒާގެ ތަޢުލީމީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތްތަކެއް ހަލާކުވެފައެވެ. ހަނގުރާމައިގެ އަސަރުތައް އަދިވެސް ފެންނަން ހުރިއިރު، އެތައް ސަތޭކަ ދަރިވަރުން ވަނީ މަރާމާތުކުރެވިފައިވާ، ނަމަވެސް ފާރުތަކުގައި ރެނދުލާފައިވާ ކްލާސްރޫމްތަކަށް އެނބުރި އައިސްފައެވެ.

Ad
rt

ހަނގުރާމައިގެ ސަބަބުން ދެ އަހަރު ދުވަހަށް ކިޔަވައިދިނުން ހުއްޓާލުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި އަލުން ކްލާސްތައް ފަށާފައިވާއިރު، މި ދެ އަހަރުގެ ތެރޭގައި ކަރަންޓުގެ ދަތިކަމާއި ޔުނިވަރސިޓީގެ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން އޮންލައިންކޮށް ކިޔެވުމުގެ މަސައްކަތް ކުރެވުނީ ވަރަށް މަދު މިންވަރަކަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ރައީސް އަސަދު ޔޫސުފް އަސަދު ވަނީ މި ދުވަހުގެ މުހިންމުކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ.

"މިއީ ތާރީޚީ ދުވަހެއް. ޤަތުލުއާންމުގެ ސަބަބުން ކުރިމަތިވި ހިތާމަތަކާއި އަނިޔާވެރިކަމަށްފަހު ވެސް އަޅުގަނޑުމެން ތަޢުލީމާ ދިމާއަށް އެނބުރި މިއައީ" އޭނާ ވިދާޅުވެފަވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ ދިރިއުޅުމަށާއި ތަޢުލީމަށް ލޯބިކުރާ ބައެއް ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ. އަދި މެޑިސިން ފެކަލްޓީއާއި ސިއްހީ ސައިންސްގެ ދާއިރާގެ ގިނަ އަދަދެއްގެ ދަރިވަރުން ހޮނިހިރު ދުވަހު ކްލާސްރޫމްތަކަށް އެނބުރި އައިސްފައިވާކަން ވެސް އަސަދު ފާހަގަކުރެއްވިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ހާމަކުރާ ގޮތުގައި، އިސްރާއީލުގެ ޤަތުލުއާންމުގައި 165 ސްކޫލާއި، ޔުނިވަރސިޓީއާއި، ތަޢުލީމީ މަރުކަޒުތައް ވަނީ މުޅިން ހަލާކުކޮށްލާފައިވާއިރު، 392 ތަނަކަށް ވަނީ ބައެއް ގެއްލުންތައް ލިބިފައެވެ.

ޔުނިވަރސިޓީގެ ބައެއް އިމާރާތްތަކުގައި، ޤަތުލުއާންމުގެ ތެރޭގައި ގެތައް ހަލާކުވެ، ދިރިއުޅޭނެ އެހެން ތަނެއް ނެތް އެތައްސަތޭކަ ޢާއިލާތަކުން ދިރިއުޅެމުންދާތީ، ޔުނިވަރސިޓީގެ އިދާރާއިން ވަނީ ކަމާބެހޭ ފަރާތްތަކަށް އެ ޢާއިލާތަކަށް އަވަސް ހައްލެއް ހޯދައިދީ، އެހެން ތަންތަނަށް ބަދަލުކުރުމަށް އެހީތެރިވުމަށް ގޮވާލާފައެވެ. ޣައްޒާގެ މީޑިއާ އޮފީހުގެ އަންދާޒާތައް ދައްކާ ގޮތުން، ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް 300,000 ފޭލިގެއާއި، އަވަހަށް ބޭނުންކުރެވޭނެ ހައުސިންގ ޔުނިޓް ބޭނުންވެއެވެ.