ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، އިނގިރޭސިވިލާތަށް ރޭ ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައެވެ.
މި މުހިންމު ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އަކީ އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ އިސްނެންގެވުމެކެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވުމެވެ. އެސް.އެމް.އައި އިން ބާރުއަޅަނީ އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ އިޤްތިޞާދީ ހަރަކާތްތައް ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރުމަށެވެ.
އެސް.އެމް.އައިގެ އަމާޒަކީ، އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމެވެ. މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ކުދި ޖަޒީރާ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ، ރާއްޖެއަށް މާލީ އެހީތެރިކަން ހޯދުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!