ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.

ސީ.އެމް.އީ.ސީގެ ފަރާތުން މިއަދު ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ޖުމުލަ ހަ ފެންހިންދާ ޕަމްޕް އެވެ. މިނިސްޓަރ އޮފް ކޮންސްސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ ސީ.އެމް.އީ.ސީ ކުންފުންޏަކީ ވޭތުވި 14 ވަރަކަށް އަހަރު ރާއްޖޭގައި އެކި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. މީގެ ތެރެއިން ހުޅުމާލޭ ފޭސް އެކަކާއި ދެއެއްގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ ހައުސިން މަޝްރޫޢުތަކާއި، ފޭސް ތިނެއްގެ އިންފްރާސްޓަކްޗަރ ގާއިމުކުރުން ހިމެނެއެވެ.