ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކޮށް ހުޅުވިގެންދިޔުމަކީ ހުޅުވިގެންދާ "ރަނުގެ ފުރުސަތެއް" ކަމަށް ފާހަގަކުރައްވައި، އެ ފުރުސަތުގެ ބޭނުން އެންމެ ފުޅާމިނަށް ހިފައި އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރާއްޖެ އާއި ބޭރުގެ ވިޔަފާރިތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދައުވަތު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ އެއަތޮޅު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް މި އެއާޕޯޓަކީ ވަރަށް މުހިންމު ދޮރޯއްޓެއް ކަމަށް ސިފަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާ ހަވާލުވިއިރު، ހަނިމާދޫ އެއާޕޯޓް މަޝްރޫޢުގެ ގާތްގަނޑަކަށް 30 ޕަސެންޓް މަސައްކަތް ނިމިފައި އޮތް ކަމަށެވެ. އެހެންނަމަވެސް، އިންޑިއާ ސަރުކާރާއި، ކޮންޓްރެކްޓަރާއި، ދިވެހި ސަރުކާރާ ގުޅިގެން ކުރި ބުރަ މަސައްކަތުން، މިހާ އަވަހަށް 70 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތް މިހާ އަވަސްކުރެވުނީ، ހަނިމާދޫ އާއި، އެ އަތޮޅާއި، ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް އަވަސްމިނެއްގައި އިގްތިސާދީ ފަހި ފުރުސަތުތައް ހޯދައިދީ، އިންވެސްޓަރުން މި ސަރަހައްދަށް ގެނެސްދީ، އާމްދަނީގެ ފުރުސަތުތައް އިތުރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ. މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި އެހެނިހެން ސިނާއަތްތަކުންވެސް އިގްތިސާދީ ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ހއ. އަތޮޅުގައި "މޯލްޑިވްސް އިކޮނޮމީ ގޭޓްވޭ" ގެ މަސައްކަތްތައްވެސް ސަރުކާރުން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ވިޔަފާރިވެރިން، ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިންނަށް މި ސަރަހައްދަށް ވަޑައިގެން، އިންވެސްޓް ކުރެއްވުމަށް ހިތްވަރުދެއްވާފައެވެ.
''މި ކަންކަމަށްޓަކައި މިއަދު މި ފެށޭ މަސައްކަތަކީ، ނޫނީ ހުޅުވިގެންމިދާ ދޮރޯށި، އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި، ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިވެރިން، ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަޙައްދަށް ވަޑައިގަންނަވަން. މި ސަރަޙައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕޯރޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ، ވަރަށް ބޮޑު ރަނުގެ ފުރުޞަތެއް. ވަރަށް ފުން، ފުޅާ ރަނުގެ މި ބޮޑު ފުރުޞަތު، ހުރިހާ ދާއިރާއަކުން މި ސަރަހައްދުގައި އެބައޮތް، ސަރުކާރުން މިއޮތީ ތައްޔާރަށް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންތައްތައް ފަހިކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދޭން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އަދި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވެސް މި ފުރުސަތުގެ ބޭނުން ހިފުމަށް ގޮވައިލައްވާފައެވެ. އަދި ހަނިމާދޫ އެއާޕޯޓްގެ ތަރައްގީއާއެކު އެ ރަށުގެ ތަރައްގީ އަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވުމަށް ރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ ތާރީޚުގައި ވައިގެބަނދަރަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަށް ހުރީ، ހދ. ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓެކެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
ހަނިމާދޫގައި ތަރައްގީކުރި ވައިގެ ބަނދަރުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭއިރު، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ އަޅާފައެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،465 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ތަރައްގީ ކޮށްފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ފިއުލް ޖެޓީ އެއް ވެސް ވަނީ އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!