ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ބިންގަނޑެއްގެ މައްޗަށް ބިނާކުރެވުނު އިންފްރާސްޓްރަކްޗަރެއް ނޫން ކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ މަނިކުފާނު ހަނިމާދުއަށް ވަޑައިގެންނެވިއިރު، ރައްޔިތުން އެދިވަޑައިގެންނެވި އެއްކަމަކީ އެއަރޕޯޓުގެ މަޝްރޫޢުއަށް ކިހިނެއް ވާނެތޯ ކަމަށެވެ. އެ ސުވާލަށް ވަގުތުން ޖަވާބު ދެއްވައި، މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދިއުމުގެ އިތުރުން، އެއަށްވުރެވެސް ބޮޑަށް ބާރުލައި، ހަލުވިކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ވިދާޅުވެ، އެއަރޕޯޓު ނިންމައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ވަޢުދު މިއަދު ފުދިގެން ދިޔުމުން، ހަނިމާދޫގެ އެންމެހައި ރައްޔިތުންނަށާއި، ޖުމްލަކޮށް ބޮޑުތިލަދުންމަތީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ރައީސް މަރުޙަބާ ދެންނެވިއެވެ. އަދި، މިކަމުގައި އެހީތެރިކަން ދެއްވެވި ހުރިހާ ފަރާތްތަކަށް ވެސް އެ މަނިކުފާނު ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.
''މިއަދު މި ހުޅުވިގެންދަނީ، ހަމައެކަނި އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރއެއް ނޫން. މި އަތޮޅާއި، މި ސަރަހައްދުގެ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ، ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، މި އެއަރޕޯޓަކީ އެ މަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ، އުތުރުގެ ހަތަރު އަތޮޅު، އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުށަހެޅުނު ސިޔާސަތުގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައެވެ.
އެހެންކަމުން، މިއަދު މި ހާސިލުވެގެން މިދަނީ، ރާއްޖޭގެ ތަރައްޤީގެ، ޚާއްޞަކޮށް ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ކާމިޔާބީއަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ޚާއްޞަކޮށް މި ސަރަޙައްދުގެ ރައްޔިތުންނަށް އެ މަނިކުފާނު މަރުޙަބާ ދެންނެވިއެވެ.
''އުތުރުގެ މި ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގައި، މި އެއަރޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް. އެހެންވީމާ، މިއަދު ހާސިލުވެގެން މިދަނީ، ރާއްޖޭގެ ތަރައްޤީގެ ޚާއްޞަކޮށް، ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ.'' ރައީސް ވިދާޅުވެފަވެއެވެ.
މިއަދު މި ހުޅުވުނު ތަރައްޤީގެ ދޮރޯށީގެ ސަބަބުން، ހދ. އަތޮޅާއި، މި ސަރަޙައްދުގެ ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ކުރިއެރުމާއި، ޖުމްލަކޮށް ތަރައްޤީގެ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!