އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ.
އެމަނިކުފާނު މި ފަދައިން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، އައްޑޫ ސިޓީގެ ތަރައްޤީއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ވަކިވަކީން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ވަޒީފާގެ ދަތިކަމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅުން މާލެއަށް ބަދަލުކުރާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީއިން ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އުފެދިގެންދާނެކަމުގެ އުންމީދީ ޚަބަރު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ވަކީން ޚާއްޞަކޮށް، އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް މިއަހަރުގެ ފަހުކޮޅު ހުޅުވުމާއެކު، އައްޑޫ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 19 މަޝްރޫޢެއްގައި ސޮއިކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސް މުޢިއްޒުގެ މި ވާހަކަފުޅުތަކުން އައްޑޫ ސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!