ކުރީގެ އަދަދާއި ގުޅޭ:

އަހަރެން ފެނުނީމަ ހުސެން އަހަރެންދެކެ ފޫހިވީ ބާވައެވެ؟ ފަހަރެއްގައި އޭނާ ހީކުރި ގޮތާ ހިލާފަށް އަހަރެން އެހާ ރީތި ނުވީކަމަށް ވެދާނެއެވެ. ނޫނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް އަހަރެންގެ ނެތީ ކަމަށް ވެސް ވެދާނެއެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެޔޭ އަހަރެން ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއަށް ހިބަ ކުރެވިއްޖެއެވެ. ވަސްވާހުން ހިތް ނުތަނަވަސްވީ ވަރުން ސައިކަލްގެ ސްޕީޑް އަހަންނަށް މަޑުކޮއްލެވުނީ މޮޅިވެރިކަމާއެކުއެވެ.

Ad
rt

ގެއަށް ޒިޔާރަތް ކުރި މީހުން ދިޔުމާއެކު ގޭތެރެ ސާފު ކުރުމުގެ މަސައްކަތް ފެށީމެވެ. އޭރު ވެސް މީގެ ކުޑަ އިރުކޮޅެއްކުރިން ހިތަށް އެރި ލޮޅުމުގެ އަސަރުތައް މުޅިން ފިލައިގެން ނުދެއެވެ. އަތްމަތި އަވަސްކޮށް، ހުރިހާ ކަމެއް ނިންމާލި އިރު ލިލީ އިނީ ވަރަށް ބޮޑަށް ނިދި އައިސްފައެވެ. އޭރު ވެސް ޒިޔާދުގެ ހަބަރެއް ނުވެއެވެ. ލިލީއަށް ކާން ތައްޔާރު ކުރަން ހުރެ، އަހަރެން ޒިޔާދަށް ގުޅީމެވެ.

" ކީއްކުރަނީ؟" ޒިޔާދު ފޯނު ނެގުމާއެކު އަހަރެން އެހީމެވެ.

" މާ ގިނައިރު ވަންދެން ނިދުނީމަ ފޫހިވެފައި އަދިވެސް މި އޮންނަނީ ހަމަ." ޒިޔާދު ބުންޏެވެ.

" ލިލީ މަތިން ވެސް މިސް ނުވަނީތަ؟" އަހަރެން ސުވާލު ކުރީމެވެ.

" ތި ދެ މީހުން މަތިން ވެސް މިސް ވެޔޭ. އެކަމަކު މާ ބިޒީ ކަމުން އަބަދު ގުޅައިގެން ނޯވެވެނީ." ޒިޔާދު ބުންޏެވެ.

" މި ތިން މަސް ތެރޭ ޒިޔާއަށް ހަމަ އޮފެއް ވެސް ނުލިބޭތަ؟ " އަހަރެން އެހީމެވެ.

" އަނެއްކާ އަހައިފި. ތައިބާއަށް އެނގޭނެ އަހަންނަކީ ކިޔާ އާދޭސްކޮށްގެން ކަންކަން ކުރާ މީހެއް ނޫންކަން. މަސައްކަތަށް އަހަރެން ފަރުވާތެރިވާ ވަރު ވެސް އެނގޭނެ. ރުފިޔާ ލިބޭނީ މަސައްކަތް ކޮށްގެން ދޯ. ތައިބާ ކައިރީ ގޮސް އޮތީމަ އަހަންނަށް ކޮން ލާރިއެއްތަ ލިބޭނީ؟" ޒިޔާދު ރުޅި ގަދަ ވާން ފެށުމުން އަހަރެން ޖެހިލުން ވިއެވެ.

" އަހަރެން ބުނެފިންތަ ތިހެން. ކޮންމެހެން ޝަކުވާއެއް ކުރާކަށް ނޫނޭ އަހަރެން އެ ސުވާލު ކުރީ. ޒިޔާ އަހަންނާމެދު ކޮން ގޮތަކަށްތަ ތި ވިސްނަނީ؟ ތިހެން ހީކުރުމުގެ ބަދަލުގައި ކީއްވެތަ ނުވިސްނަނީ އަހަރެން ޒިޔާ މަތިން މިސްވަނިއްޔޭ. ދުރުގައި ހުރި ފިރިޔަކު ކައިރީ، އަންނަނީ ކޮންދުވަހަކުންތޯ އޭނާގެ އަނބިމީހާ ސުވާލު ކުރުމަކީ ކުށެއްތަ؟" އަހަރެން ބުނީމެވެ.

" މިސްވަންޏާ އަހަރެން ދާންދެން ހުރެބަލަ. އަހަރެން ވެސް އަނބިދަރިން މަތިން ހަނދާންވާނެ ދޯ. އެހެން ނޫނަސް އަހަންނަކީ ތައިބާއާ ލިލީއަށްޓަކައި ފުރާނަ ވެސް ދޭން ތައްޔާރަށް ހުރި މީހެއްކަން ތައިބާއަށް އެނގޭނެ. ރެޔާ ދުވާލު މި މަސައްކަތްކުރަނީ ތި ދެމައިންގެ ހައްގުގައި. ތި ދެމައިން އުފަލުގައި ގެންގުޅެން ވެގެން. އަހަންނަށް ވެސް ހުރެވިދާނެ 8 ގަޑި އިރު ޑިޔުޓީ ކޮއްފައި ގޭގައި. އެކަމަކު އޭރުން ކުއްޔާ ބިލްތައް ދައްކާފައި މީރު ކާއެއްޗެއް ކާނެ ލާރިއެއް އަތަކު ނޯންނާނެ. އެހެންވެ މި ބުނީ ފައިސާ ހޯދަން އަހަންނަށް ވަގުތު ދޭށޭ. އަހަރެން ނުބައި ކަމެއް ނުކުރަމޭ. އެހެން ނޫނަސް ތައިބާ މިއަދު އަހަންނާމެދު ފަހުރުވެރިވާން ޖެހޭނެއެއްނު. ތިހާ އުފަލާ އަރާމުގައި ތި އުޅެވެނީ އަހަރެން މިހާ ބުރަކޮށް މަސައްކަތް ކުރާތީއެއްނު." ޒިޔާދު ބުންޏެވެ.

ފޯނު ބޭއްވި އިރު ވެސް އަހަރެންގެ ކަންފަތުގައި ޒިޔާދުގެ ވާހަކަތައް ހަރުލާފައި ހުއްޓެވެ. އަހަންނަށް މުޅި ގެއަށް ނަޒަރު ހިންގާލެވުނެވެ. އޭނާ އެ ބުނީ ތެދެކެވެ. ޒިޔާދުގެ މަސައްކަތުން އަހަންނަށް އަރާމު ދިރިއުޅުމެއް ހޯދައި ދީފިއެވެ. މަދުވާ، އުނިވާ އެއްވެސް އެއްޗެއް މި ގެއަކު ނެތެވެ. ނަމަވެސް އޭނާގެ ވިސްނުމުން، އަހަރެންގެ ނަފްސު ވަނީ އެއްފަރާތް ކޮށްފައެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ދޭނެ ކާނާއެއް އޭނާއަކަށް ނޭނގެއެވެ. މި ނަފްސު އުފާކޮށްދޭން ދޭނެ ވަގުތެއް އޭނާގެ ނެތެވެ. އަދި ދިރިއުޅުމެއްގެ އުފާވެރިކަމަކީ ހަމައެކަނި ފައިސާ ނޫންކަން ވެސް ޒިޔާދަކަށް ނޭނގެއެވެ. އެތައް ގޮތަކުން އެކަން އަންގައިދޭން އަހަރެން އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އެންމެ ފަހު ވަގުތު މުޅިން ވެސް ޖެހެނީ ދެ ބަސް ވާށެވެ. އެކަމުގައި ދުވަހަކު ވެސް ދެ މީހުންނަކަށް އެއް ގަލަކަށް ނޭރެއެވެ.

ލިލީ ނިންދަވާފައި އަހަރެން އޮށޯތީ ފޯނު ހިފައިގެންނެވެ. އެންމެ ފުރަތަމަ ވެސް އަހަންނަށް ބަލައިލެވުނީ ހުސެންގެ މެސެޖެއް ލިބިފައި އޮތްތޯއެވެ. އެ ވަގުތު އަހަރެން ވަރަށް ބޮޑަށް މާޔޫސް ވިއެވެ. ޒިޔާދުއާހެދި ހިތަށް ލިބިފައި އޮތް ނުތަނަވަސްކަން އިތުރު ވެގެން ދިޔަ ކަހަލައެވެ. ހަގީގަތުގައި ވެސް ހުސެންގެ ޝައުގުވެރިކަން ގެއްލުނީބާވައެވެ؟ ހުސެންގެ ސްނެޕް އިމޯޖީއަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު އަހަރެން އޭނާއަށް މެސެޖް ކުރީމެވެ.

" ހައި." މެސެޖް ފޮނުވާލީ ހާސްވެ ހުރެއެވެ. ހުސެން ޖަވާބެއް ދޭނެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނޫނީ މުޅި އުމުރަށް އޭނާ ފިލީބާވައޭ ވެސް ހިތަށް އެރިއެވެ.

" ހައި. ވަރަށް ބިޒީކޮށް އޮފީހުގައި އުޅޭތީ، ހަބަރެއް ނުވެވިގެން މި އުޅެނީ." ހުސެން ބުންޏެވެ.

އެއާއެކު އަހަންނަށް ތެދުވެވުނެވެ. އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން އިނދެ އަހަންނަށް ހިނިތުންވެވުނެވެ.

" ރޭގަނޑު ވެސް އޮފީހަށް ދަންތަ؟" އަހަރެން އެހީމެވެ.

" ޔެސް. ބައިވަރު ނުނިމި ހުރި މަސައްކަތްތައް ހުރީމަ ރޭގަނޑު ވެސް އަންނަން. " ހުސެން ބުންޏެވެ.

" ދެން ކޮންއިރަކުން ނިމެނީ؟" އަހަރެން ސުވާލުކުރީމެވެ.

" ނިންމާލަންވީތަ؟" ހުސެންގެ ސުވާލުން އަހަންނަށް ހެވުނެވެ. އެއާއެކު އަނެއްކާ ވެސް އަހަރެންގެ ހިޔާލީ ދުނިޔެއަށް ވަދެވިއްޖެއެވެ.

" ނޫން. އަނެއްކާ އަހަންނަށް، ޔޫއަށް އުނދަގޫ ކުރެވެނީތަ؟" އަހަރެން އަނެއްކާ ވެސް އެހީމެވެ.

" އުނހު. އުނދަގުލެއް ނުވެޔޭ. " ހުސެން ބުންޏެވެ.

" ވާހަކައެއް އަހާލަންތަ؟" ވަރަށް ވިސްނާފައި އަހަރެން ބުނީމެވެ.

" އަދި އަހަރެން ކައިރީ އަހާފައި ނޫނީ ހަމަ އެއްވެސް ސުވާލެއް ނުކުރެވޭނެތަ؟" މަޖަލަކަށް ހަދާފައި ހުސެން އެހެން ބުނުމުން އަހަންނަށް ބާރަށް ހެވުނެވެ.

" އަސްލު ބުނެބަލަ. އަހަރެން ފެނުނީމަ ފޫހި ވީތަ؟" ތުންދަމައިގެން އިނދެ އަހަރެން އެ ސުވާލު ކުރީ ކުޑަކުއްޖަކު ފަދައިން ޝަކުވާ ކުރާ އުސޫލުންނެވެ.

އެއާއެކު ހުސެން ލާފް ރިއެކްޓްކުރުމުން އަހަންނަށް ހެވިއްޖެއެވެ.

" ކީއްވެ ފޫހި ވާންވީ؟ ފޫހި ވީ ނަމަ އަހަރެން މިރޭ ތައިބާއާ ވާހަކައެއް ނުދައްކާނެއެއްނު." ހުސެން ބުންޏެވެ.

" ނޫނެކޭ. ބުނެބަލަ ކީކޭ ހިތަށް އެރީ؟" އަހަރެން އެހީމެވެ.

" ނުބުނާނަން ހިތަށް އެރި އެއްޗެއް. އަހަރެންގެ ހިތަށް އަރާހާއެއްޗެއް ނުވެއް ބުނެވޭނެ އިނގޭ." ހުސެން ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް، ހުސެން އަހަންނާ ވާހަކަ ދައްކާނީ އޭނާއަށް އަހަރެން ކަމުދާތީކަން އަހަރެންގެ ޟަމީރު އެއްބަސްވިއެވެ. ފޯނު ސްކްރީނަށް ބަލަމުން އައިސް އަހަރެން ސިޓިންރޫމަށް ނިކުތީ ބަނޑުހައި ވެގެންނެވެ. އަދި އަވަސް އަވަހަށް ކަބަޑުގައި ހުރި ތެލުލި އަލަ ދަޅު ނަގައި ހުސެންއަށް ސްނެޕް ކުރީމެވެ.

" ހޭ. ވަރަށް ކާހިތް ވެއްޖެ. ވަރަށް ދުވަސް ވެއްޖެ ތީގެ އަލަ ނުކަނީ." ހުސެން ބުންޏެވެ.

އެއާއެކު އަހަންނަށް ދެ ކޮނޑު އުފުލައިލެވުނެވެ. ހުސެންއަށް ނުދީ ކާހިތެއް ވެސް ނުވިއެވެ. ނަމަވެސް އޭނާއަށް އަލަކޮޅެއް ދޭނީ ވެސް ކިހިނެއްހެއްޔެވެ؟ ދެ ވަނަ ފަހަރަށް ހުސެންއާ ދިމާވާކަށް ލާހިކެއް ނޫނޭ އަހަރެންގެ ހިތަށް އެރިއެވެ.

" ބޭނުންތަ؟" އަހަރެން އެހީމެވެ.
" ދޭނަންތަ؟" ހުސެން އެހެން އެހުމުން އަހަންނަށް ބާރަށް ހެވުނެވެ.

" ކިހިނެއްތަ އައި މީތި ހަވާލު ކުރާނީ؟ " ތެޅިތެޅި އޮތް ހިތަކައިގެން އަހަރެން އެހީމެވެ.

" ބަލައިދާންވީތަ؟" ހުސެން އެހިއެވެ.

އެ ވަގުތު އަހަރެންގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ދުލުން ހާމަ ނުކުރިޔަސް، އޭނާ ވެސް އަހަރެން ދެކޭ ހިތްވާކަން އަހަންނަށް އެނގުނެވެ. އޭރު އަހަރެންގެ ހިތް އޮތީ ލަދުން މަރުވާވަރުވެފައެވެ.

" އާދޭ. ކެރޭނެތަ އަންނަން؟" އަހަރެން އެހީ ކެތްތެރިކަމެއް ނެތިއެވެ.

" އެޑްރެސް ބުނެބަލަ. މިހާރު މި ނިކުންނަނީ ދާން." ހުސެން ބުންޏެވެ.

" އޯހް ސީރިއަސްލީ؟" ލިބުނު ކުއްލި ޝޮކާއެކު އަހަންނަށް ބުނެވުނެވެ. އަވަސް އަވަހަށް ލޮކޭޝަން ފޮނުވާލި އިރު އަހަރެން ހަމަ ރަނގަޅަށް ވެސް ތުރުތުރުއަޅައެވެ.

އޭނާ އާނއެކޭ ބުނުމުން އަހަންނަށް ބަލައިލެވުނީ އަހަރެން ލައިގެން ހުރި އެއްޗެއްސަށެވެ. އެއާއެކު އަވަސް އަވަހަށް އަނެއްކާ ވެސް ކޮޓަރިއަށް ދުއްވައިގަނެވުނީ ގައިގައި އޮތް ޓީޝާޓް ބާލަމުންނެވެ.

" އޯ މައި ގޯޑް. އޯ މައި ގޯޑް. ހީ އިސް ފައިނަލީ ކަމިންގ." ހިތް އަވަސްވެފައި ހުރެ އަހަންނަށް އަމިއްލައަށް ވާހަކަ ދައްކަން ފެށުނެވެ.

ލައިގެން ހުރި ސޯޓު މަތިން ޖިންސު އަރުވަން އުޅެނިކޮށް ދެ ފަހަރަށް އަހަރެން އަރި ވެސް އަޅާލިއެވެ. އަހަރެންގެ ހަރަކާތްތައް އަވަސްވެފައި ހުރި ވަރުން ކޮޅަށް ހުރެވެނީ ކިރިޔާއެވެ. ހެދުން ލަމުން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި މޫނަށް ނަޒަރު ހިންގާލީމެވެ.

" ސުބްހާނަﷲ. އަހަންނަށް ކިހިނެއްވެފައި މި ހުރީ؟ ބިރެއް ފެނިގެންތަ މި އުޅެނީ؟" ހާސްވެފައި ހުރިވަރުން އަހަންނަށް އަހަރެންގެ މޫނު ވެސް ފެނުނީ ބިރުވެރި ސިފައެއްގައެވެ.

" އަޅެ ނޭނގެ މިހާރު މި ހިސާބަށް ނާންނަ ކަމެއް ވެސް." ފާހާނާއަށް ވަދެ މޫނު ދޮންނަން ހުރެ އަހަންނަށް އަނެއްކާ ވެސް ބުނެވުނެވެ. ކުޑަކޮށް ތާޒާ ވެލުމަށްފަހު ފޯނު ބަލައިލި އިރު ފަނަރަ މިނިޓަށް ވުރެ ގިނައިރު ވެއްޖެއެވެ.

" މި ގަޑީގައި މާލެ މަގުތައް އެހާ ބާރުބޮޑެއް ވެސް ނުވާނެ. ހާދަ ލަސްވަނީ ކީއްވެތަ؟" ފަނަރަ މިނިޓްގެ އިންތިޒާރު ވެސް އަހަންނަށް ދިގުވީއެވެ.

އެއާއެކު ހުސެން ދެކޭހިތުން އަހަރެންގެ ހިތް ކެތްމަދުވެފައިވާ މިންވަރު އަމިއްލައަށް އިހްސާސް ކުރެވުނެވެ. މިރޭ ހުސެން ފެންނާނެޔޭ ހިތަށް އެރުމާއެކު މޫނުމަތި ތާޒާވެ، އަހަންނަށް ލިބެމުން ދިޔަ އުފާވެރިކަން އިތުރުވެއްޖެއެވެ. އެވަގުތު ހުސެންއަށްޓަކައި އަހަރެންގެ ހިތުގައި އުފަންވެފައި އޮތް ލޯބި ހޭލާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. ކޮޅަށް ހުންނަން އުނދަގޫވެގެން ސޯފާގައި އިށީނދެލީމެވެ. އެއާއެކު ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި އަލަ ދަޅެވެ.

" އޯހް. އަދި މި ވެސް ރެޑީ ނުކުރެވެ. އޯހ ނޯ! " އަހަރެންގެ ހަރަކާތްތަކާ އެއްވަރަށް ހިތުގެ ތެޅުން ވެސް އަވަސް ވަމުން ދިޔައެވެ.

އަލަ ދަޅު، ކޮތަޅަކަށް އޮއްސާލުމަށްފަހު އަހަރެން އެ ކޮތަޅަށް ބަލައިލީމެވެ. ހަމަ އެ ވަގުތެވެ. ހުސެން ސްނެޕް ކުރިއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރެ އަހަރެން ސްނެޕް ބަލައިލީމެވެ. އެ ސިކުންތުގައި އަހަރެންގެ އުފާވެރި ހިނިތުންވުން މުޅިންހެން ގެއްލިއްޖެއެވެ. ދެ ބުމަ ކައިރި ކޮއްލެވުނީ ގަބޫލު ކުރަން ދަތި ވުމުންނެވެ. ހުސެން ފޮނުވީ އޭނާގެ ގޭގެ ދޮރުގެ ފޮޓޯއެކެވެ. ލިޔެފައި އޮތީ ގެއަށް އާދެވުނު ކަމަށެވެ.

އަހަންނަށް ތުން ފިއްތާލެވުނީ ދެރަވެގެންނެވެ. އެއާއެކު އަހަރެންގެ އިހްތިޔާރަކާނުލައި ދެ ލޯ ކަރުނައިން ތެންމާލައިފިއެވެ. ހުސެން އެހެން ކަންތައް ކޮއްފާނެކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިއެއް ނުކުރަމެވެ. ދެރަވީ ވަރުން ބާރުބާރަށް މޭ ތެޅެން ފެށިއެވެ. އެއާއެކު ހިތް ވެސް މަޑުމަޑުން ރޮމުންދާހެން ހީވިއެވެ. ހުސެން ފެންނާނެ ކަމުގެ އުއްމީދު އެހާމެ ބޮޑުވެފައި ހުއްޓާ، އޭނާ އަހަރެން ގާތަށް ނައީތީ އަހަރެން އިންތިހާއަށް ދެރަވިއެވެ.

" ކީއްވެ ތި ދިޔައީ؟ ބުނީމެއްނު އަންނާނަމޭ." ދެ އަތުން ޓައިޕްކޮށް، މެސެޖް ފޮނުވާލި އިރު އަހަރެން ހުރީ ވަރުބަލި ވެފައެވެ. އަހަރެންގެ މުޅި ހަށިގަނޑަށް ވެރިވަމުންދާ ހޫނުކަން ބަދަލުވީ ބޮޑު ހަނގުރާމައަކަށެވެ.

" ހަމަ ދާންވީތަ؟ ތަންކޮޅެއް އަމާން ވަގުތެއްވީމަ، މާ ބާރަށް ދުއްވާފައި ގެއާ ހަމައަށް އާދެވުނީއޭ." ހުސެން ބުންޏެވެ.

" އެކަމަކު ވެސް މި އަންނަނީއޭ ކިޔާފައެއްނު އޮފީހުން ނިކުތީ. ހުސެންގެ ބޮލުގައި އަހަރެން ނެތީ ދޯ. އެހާ އަވަހަށް ހަނދާން ނެތުނީ؟ " އަހަރެން އެ މެސެޖް ފޮނުވާލީ، ކްރައި ފޭސް އަކާއެކުއެވެ.

" ހޭ ރޮނީތަ؟ މި ދަނީ އިނގޭ." ހުސެން ބުނެލިއެވެ.

" ރޮވޭނެ އެއްނު ނައީމަ. ދެން... އަންނާނެ ކަމެއް ނެތް ކަންނޭނގެ. މާލޭގެ އެއް ކޮޅުން އަނެއްކޮޅަށް ދުއްވުމަކީ ފަސޭހަ ކަމެއްތަ؟ " އަހަރެން ބުނީމެވެ. ޝަކުވާގެ ރާގަކަށެވެ.

" ފަސޭހަ ނުވިޔަސް، އައި އާ ހެދި ކުއްޖަކު ހިތުގައި ޖައްސާކަށް ނުވާނެ އެއްނު. މި ދަނީ އިނގޭ." ހުސެން ބުންޏެވެ.

" އަންނަންޏާ އައިސް މެސެޖް ކޮއްލާ. އަހަރެން ދާނަން ތިރިއަށް." އަހަރެން ބުނެލީ ނޫން ކަމަށް ހެދިގެންނެވެ. ނަމަވެސް އޭރު ވެސް ހުސެންއަށް އަހަރެންގެ ހިތް ބާރުބާރަށް ގޮވަމުން ދެއެވެ.

" އޯކޭ މި ނައްޓާލީ." ހުސެން ބުންޏެވެ.

އެއާއެކު އަހަރެން އަނެއްކާ ވެސް ފާހާނާއަށް ދުއްވައިގަތީމެވެ. މޫނު ސާފުކޮއްލުމަށްފަހު އަހަރެން ނިކުމެ އިނީ ސީދާ ފޯނު ސްކްރީނަށް ބަލަހައްޓައިގެންނެވެ. ހިޔަންޏެއް ފަދައިން މިރޭ ހުސެން ފެނުނު ވަގުތު އަހަންނަށް ވީ ވަރު މިހާރު ވެސް އިހްސާސް ކުރެވެއެވެ. ބޭރުގައި ހަރުކޮށްފައި ހުންނާނީ އަލިގަދަ ބޮތްކެއްކަން ހަނދާންވުމާއެކު އެވަގުތު އަހަންނަށް ކުޑަކޮށް އުނދަގޫވިއެވެ. މިހާރު ވެސް އަހަރެން ލަދުގަންނަން ފަށައިފިއެވެ.

ކުއްލިއަކަށް ހުސެންގެ ސްނެޕެއް ލިބުނެވެ. އަވަސް އަވަހަށް ބަލައިލި އިރު ސްނެޕްގައި އޮތީ މިގޭ ބޭރު ދޮރާއްޓެވެ. އެ ވަގުތު ބޭރަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގައިން ވަރު ދޫކޮށްލެވުނެވެ. އަދި ހިންދިރުވާލަމުން އަހަރެން ހިނގައިގަތީމެވެ. ލިފްޓަށް އެރި އިރު ވެސް އަހަރެންގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ލިފްޓްގެ ދޮރު ހުޅުވުނު އިރު އަހަރެންގެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ހުސެންއާ ބައްދަލްވާން އެންމެ ސިކުންތެއް ވެސް ނެތޭ ހިތަށް އެރުމާއެކު ނޭވާއަށް އުނދަގޫވީ ކަހަލައެވެ. ތުރުތުރުއަޅާ އަތަކުން ދޮރާށި ހުޅުވާލި އިރު ހުސެން ހުރީ ދޮރާ ދާދި ގާތުގައެވެ. އޭނާ އެހާ ގާތުގައި ހުންނާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ލިބުނު ކުއްލި ސިހުމާއެކު ހުސެންގެ ސޫރަ ފެނުމުން އަހަންނަށް ވީ ގޮތް ދެ ވަނަ ފަހަރަށް ބަޔާންކޮށްދޭން ވެސް އަހަންނަކަށް ނޭނގޭނެކަން ކަށަވަރެވެ. ދޮރާށި ރަނގަޅަށް ނުވެސް ހުޅުވަމެވެ. އަދި އަހަރެން ބޭރަކަށް ވެސް ނުނިކުންނަމެވެ. ނަމަވެސް އަހަރެންގެ މޫނުމަތީގެ ހުރިހާ ގުނަވަން ތަކަކުން ހުސެންއަށް ހިނިތުންވުން ރައްދުކުރެވުނުކަން އަހަންނަށް އެނގުނެވެ.

" އޯކޭ އިނގޭ. " އަލަ ކޮތަޅު ދިއްކޮއްލުމަށްފަހު އަހަރެން އަވަސް އަވަހަށް އެތެރެއަށް ދެމިގަތީމެވެ.

ހުސެންގެ ހިނިތުންވުން، އަހަރެންގެ ނޭވާއާ، ހަމަރަނގަޅަށް ވެސް ކުޅެލައިފިއެވެ. އޭރު އަހަރެންގެ ނޭވާގެ ހިނގުން ހީވަނީ ހުއްޓެން އުޅޭހެންނެވެ. ލިފްޓް ހުރިކަން ވެސް ހަނދާންނެތި އަހަރެން ދުވެފައި އެރީ ސިޑިންނެވެ. ވަރުބަލިވެގެން ހުއްޓުނު އިރު އަހަންނަށް ހުރެވުނީ ތިންވަނަ ފަންގިފިލާގައެވެ. ފާރުގައި ލެނގިލުމަށްފަހު އަހަރެން ހުސެންއަށް މެސެޖް ކުރަން ފެށީ މާނޭވާ ލާ ހާލުގައެވެ.

" މި ހުރީ ސިޑިން ނޭރިފައި. ޔޫ ފެނުނީމަ މާ ބޮޑަށް އައި ނާވަސްވީ." އިނގިލިތައް ތުރުތުރުއަޅާ ހާލު އަހަރެން ލިޔެލީމެވެ.

" މީ ވެސް މި އިނީ އަދިވެސް ސައިކަލް މަތީ. ޔޫ ފެނުނީމަ ނާވަސްވީ ކަންނޭނގެ. މާ ބާރަށް ހިތް ތެޅެންޏާ ސައިކަލް ދުއްވަން ވަރަށް އުނދަގޫވާނެ." ހުސެންގެ މެސެޖް ކިޔާލުމަށްފަހު، އަދި އެއްފަހަރު ތިރިއަށް ދާ ހިތްވިއެވެ. އަދިވެސް އަހަރެންގެ ކުރިމަތީގައި އޭނާގެ ތަސްވީރު ކުރެހިފައި ހުރި ކަހަލައެވެ. ދޮރު ހުޅުވާލި ވަގުތު ސިކުންތަކަށް ނަމަވެސް ދެ މީހުންގެ ކަތަރުކަޅި ބައްދަލްވީކަން އަހަންނަށް ޔަގީނެވެ. އެ ސިކުންތުގެ ތެރޭގައި އަހަރެން އޭނާގެ ލޮލުގެ ތެރެއަށް ފީނައިގަތީމެވެ. އެ ދެ ލޮލުގެ ޖަޒްބާތުން އަހަރެންގެ ހިތް ޒަހަމްވެ ނިމިއްޖެއެވެ.

" ދާ ހިތެއް ނެތް." އަނެއްކާ ވެސް ހުސެންގެ މެސެޖް ލިބުނެވެ. އެ ވަގުތު އަހަންނަށް ސިޑި މަތީ އިށީނދެލެވުނެވެ.

" އެކަމަކު ވެސް ދެން ގެއަށް ދޭ." އަހަރެން އެހެން ބުނެލީ ބުނާ ހިތަކުން ނޫނެވެ.

ކުރިމަތިން ސިފަވަމުންދާ ހުސެންގެ ސޫރަ އަދި އެއް ފަހަރު ދެކެން ބޭނުންވިއެވެ. ފޮޓޯއިން ފެންނަ ފެނުމަށްވުރެ އަސްލަށް ފެންނައިރު އޭނާ މާ ހިތްގައިމެވެ. އެ ސޫރައަށް އަހަރެންގެ ހިތް ލެނބިއްޖެއެވެ. އޭނާގެ ސްޓައިލް އަހަންނަށް ވަރަށް ކަމުދިޔައެވެ. ކޮންމެވެސް ވަރަކަށް ތުނބުޅި ބަހައްޓާފައި ހުރުމުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ހާމަވެއެވެ. ބޯ ތުނިކޮށް ކޮށާފައި ހުރުމުން ، ހުސެންއާ އެ ގޮތް ވަރަށް ގުޅެޔޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން ފެނުމާއެކު އޭނާގެ ދޮން މޫނަށް، ޖަންބުކުލަ އެރިތަން އަހަރެން ދުށީމެވެ. ޖަންބުކުލަ އަރަނީ ހަމައެކަނި އަންހެން ކުދިންގެ މޫނަކަށް ނޫންތާއޭ ވެސް އަހަރެން ހިތަށް އެރިއެވެ. އެއާއެކު އަހަންނަށް އަމިއްލައަށް ވެސް ހެވިއްޖެއެވެ.

" ގެއަށް ހަމަ ދާން ވީތަ؟" ހުސެން އަނެއްކާ ވެސް ބުންޏެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)