އެމްޑީޕީގެ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަކީ ތަބަކަށްލާފައި އޭނާ އަށް ދިން މަގާމެއްނޫންކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ.
މަހްލޫފް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެެވެ. އެ ނިންމުމާއި ގުޅިގެން މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މަހްލޫފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކޮށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު އެހީތެރިވެ ތާއީދުކޮށްދެއްވި އެންމެހާ ޕާޓީގެ މެންބަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
"2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫނެވެ،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕޯޑިއަމް އަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވެއްޖެއެވެ. އަދި މިއަދުގެ ނިންމުމާއެކު މަރުޙަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ، ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާޢާފަށް އެދިވަޑައިގެންފައިވެއެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ސަބަބު ހާމަކުރައްވަމުން މަހްލޫފް ވިދާޅުވީ އެކަން އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށެވެ. އަދި އޭނާ ފަށްޓަވާ އައު ދަތުރަކީ ކާމިޔާބު ދަތުރަކަށް ވުމަށް އެދިވަޑައިގެންފައިވެއެވެ.
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު، އޭނާ މި ސަރުކާރުގެ މަގާމަކަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ވަނީ އަޑުފެތުރިފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!