ރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން މި ފެށީ، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އިންޖިނޭރިންގގެ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައިވާ ސިނަމާލެ ބުރިޖު ހުޅުވުނުތާ 7 އަހަރު ފުރުނު ދުވަހު ކަމުގައެވެ.

މިގޮތުން ކަނޑު ހުރަސްކޮށް ބިނާކުރި މި ބުރިޖުގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ބޮޑު އާބާދީއެއް އެއްފަސްވެ، ރާއްޖޭގެ މައި އެއަރޕޯޓާވެސް އެއްގަމުން ވަނީ ގުޅައިލެވިފައިކަން ފާހަގަކުރަށްވައި، މި ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް މި ބުރިޖުން ގެނެސްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުން ކަށަވަރުވަނީ، އިންޖިނޭރިންގެ މިފަދަ ބިޔަ މަސައްކަތަކުން ޤައުމަކަށް އަންނާނެ ހެޔޮ ބަދަލާއި ހަލުވި ކުރިއެރުންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސްގެ ޚިޠާބުގައި، ޢުމްރާނީ ތަރައްޤީގެ އިތުރުން، ޞިނާޢީ އެކި މަސައްކަތްތަކާއި އިޖްތިމާޢީ ޚިދުމަތްތަކާއި، ދަތުރުފަތުރާއި، ހަކަތައާއި ސައިންސާއި، ޓެކްނޮލޮޖީގެ އެކި ދާއިރާތަކުގައިވެސް ތަފާތު ފަންނުގެ އިންޖިނޭރުން ޤައުމަށް ޚިދުމަތް ކުރައްވާކަމަށް ވިދާޅުވިއެވެ. 2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމުގައި، އަދި ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށް ފަށާފައިވާ މަސައްކަތުގައި، އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ހިންގާ މަޝްރޫޢު ފަދަ ހުރިހާ ކަމެއްގައިވެސް މި ދެންނެވި އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް ނުހަނު ބޮޑަށް ޤައުމު ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ޚާއްޞަ ސިފަތަކާއެކު، ރަށްވެހިކަމާއި ތަމައްދުންގެ ޒަމާނީ ކުރިބޯށިތަކާ ހަމަޔަށް ދެވޭނީ، ދިވެހި އިންޖިނޭރުންގެ ވިސްނުމާއި ރޭވުންތެރިކަމުން މަގުދައްކައިދީގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޤައުމީ އެވޯޑުގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވަމުން، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ބަޔެއްކަމުގައި ފާހަގަކުރެއްވިއެވެ. އޮޑިދޯނިފަހަރު ކިއްސަރަށް ބަނުމުގައި ދިވެހި މާވަޑީންގެ ހުޝިޔާރުކަމާއި، ގަލުވަޑާމުގެ ޗާލު ބިނާތައް ކުރުމުގައި ދިވެހި މަސައްކަތްތެރީންގެ ހީވާގިކަން މިކަމަށް ހެކިދޭކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރި ޤައުމީ ވާޖިބަށް ސާބަހާއި ތާރީފު ޙައްޤުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.