އޭނާ ނިސްބަތްވާ ރާއްޖޭގެ ސަރަހައްދުގައި ''އުލުބޭންދުން'' ބޭނުންކުރަނީ ބަސްނާ ހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި 27 އޯގަސްޓް 2025 ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އޭނާ އާއި ގުޅުވައި ފަތުރާ ވާހަކަތަކެއް ފާހަގަކުރަށްވައި އެކަހަލަ ވާހަކަ ފަތުރާ މީޑިއާތައް ''އުލުބައިންދަންވީ'' ކަމަށް ވިދާޅުވެފައެވެ.
ފަލާހްގެ ވާހަކާގައި ބޭނުންކުރެއްވި ''އުލުބައިންދަންވީ'' އިބާރާތާއި ގުޅިގެން ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހަށް ހުށަހެޅިއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ރޭ ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު (ފަލާހް) މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން އެމްޖޭއޭއިން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ
މި ޚަބަރަށް އިޝާރާތްކުރަށްވައި ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލާގައި އެއީ ވަރަށް ރަނގަޅުނިންމެވުމެށް ކަމަށެވެ.
''އަޅުގަނޑު ޖަލުގައުޅޭ ނަމަ އެތާގެ ރަހްމައިތްތެރިންނަށްވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސްމެމްބަރުން އަދި އެއްމެގިނަވާނީ ނޫސްވެރިން! ސަބަބަކީ މިއަށްވުރެގިނައިން އިސްލާމްދީނުގެ އަސްލުތަކާޚިލާފުވެ އެފަދަވާހަކަތަށް ދައްކާފައިވާބައެއް މި ޤައުމުގަނޫޅޭނެ! އަދިއިސްލާމްދީންނޫން ދީންތައް މިޤައުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަބައެއް ވެސް ނޫޅޭނެ!'' ފަލާހް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް މީހަކު މެރުމަށް އޭނާ ވިދާޅުވެފައި ނުވާނެކަމަށެވެ.
''އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް، ކުރިއަށްއޮތްމަދު ދުވަސްކޮޅުތެރޭ މަތީގައި ވާރައްޓެހިންނާ ބައްދަލްވާނެކަމަށް އުއްމީދުކުރަން!'' ފަލާހް ވިދާޅުވެފައެވެ.
ފަލާހަކީ ރ.އަތޮޅު އިނގުރައިދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ''އަޅުގަނޑުމެން ހިސާބު'' ބޭނުން ކުރަށްވާފައި ވަނީ ރ.އަތޮޅު ހިމެނޭ ސަރަހައްދަށްކަމަށް ބެލެވެއެވެ.
ދިވެހި ބަހުގެ ރަދީފުގައި ''އުލުބޭންދުން'' މާނަކޮށްފައި އޮންނަނީ، ''މާ އިހުޒަމާނުގައި މީހުން މެރުމަށް ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް'' ކަމަށެވެ. އަދި އުލުބައިންދާއިރު ހަދާގޮތެއްކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބޭންދުމަށެވެ. އެގޮތަށް ބޭންދުމުން އެ އޫ ފުރަގަސްފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!