ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސް މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ.

Ad
rt

މިއަދު ވަނީ ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އިމާރާތާއެކު ޞިއްހީ މަރުކަޒުން އިތުރު ޚިދުމަތްތައް ދެވޭގޮތަށް ޖާގަ ފުރިހަމަވެގެންދާނެއެވެ.

އެގޮތުން އިތުރު ވޯޑުތަކާއި، ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓްފަދަ ޚިދުމަތްތައް އިތުރުވެގެންދާނެއެވެ. އަދި އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް 16 ގަޑިއިރަށް ޚިދުމަތް އިތުރުކުރުމަށް، ބޭނުންވާ މުވައްޒަފުން ހޯދައި މިއަހަރު އެ ޚިދުމަތްދެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދު ސޮއިކުރެވުނު ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތުގެ މަޝްރޫޢުގެ ދަށުން އިތުރު ހަތަރު ކްލާސްރޫމް ހިމެނޭގޮތަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ. އަދި ކުރިނބީގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކުރައްވަންހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.