ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025" މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ.

ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.

Ad
rt

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ. އެގޮތުން މެޗުގެ އެންމެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ މެޗުގެ 21 މިނެޓުގައި ކުރި ފައުލަކާއި ގުޅިގެން ކަނޑިތީމު ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެ ޓީމުގެ މުޙައްމަދު ޝާން އެވެ.

ކަނޑިތީމު ޓީމުން ލީޑު ނެގުމަށްފަހު ފުރަތަމަ ހާފު 1-0 ކުން ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވާދަވެރި ކުޅުމެއް ދައްކައި މަގުލަސް ކުލަބުން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އެހެންނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި ކަނޑިތީމު ފުޓުބޯޅަ ޓީމުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު އަނބުރާ ނަގާފައެވެ.

މެޗުގެ އިތުރުވަގުތުގެ ކުޅުން ކުރިއަށް ދިޔައިރު 2-1 ގެ ތަފާތަކުން ކަނޑިތީމު ފުޓްބޯޅަ ޓީމު ކުރީގައި އޮއްވައި މި މުބާރާތުގެ ފަހު 5 ވަނަ މިނެޓުގައި ނަތީޖާ 2-2 އަށް އެއްވަރުކޮށްދިނީ މަގުލަސް ކުލަބުގެ ކުޅުންތެރިއެއް ކަމަށްވާ ޕްރިންސް ބޯޑު އެވެ. ނަތީޖާ 2-2 އަކުން މުބާރާތް ނިމިގެން ދިޔައިރު ޕެނަލްޓީ ޖަހައިން ކަނޑިތީމު ފުޓްބޯޅަ ޓީމުން ކުރި ހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު މެޗު ނިންމުމަށް ފަހު ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ.

އެގޮތުން ޗެމްޕިއަން ޓީމް، ކަނޑިތީމު ފުޓްބޯޅަ ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވާއިރު ރަނަރ އަޕް ޓީމް، މަގުލަސް ކްލަބަށް ވަނީ ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް މިފަހަރު ލިބިފައެވެ.

މި މުބާރާތުގައި އެކި ގޮތްގޮތުން ކުޅުންތެރިން އިނާމު ހާސިލްކޮށްފައިވާއިރު މުބާރާތުގެ ޓޮޕް ސްކޯރަރ ވަނީ 3 ކުޅުންތެރިއަކު ހޯދާފައެވެ. އެއީ 5 ގޯލާއެކު މަގުލަސް ކްލަބުގެ ޕްރިންސް ބޯޑު އާއި، ކެތި އަރާ ޓީމުގެ އަލީ ހުސައިންގެ އިތުރުން ކަނޑިތީމު ފުޓްބޯޅަ ޓީމުގެ ހުސައިން ނިހާން އެވެ. ނިހާން ވަނީ މި މުބާރާތުގެ ބެސްޓް ސްޓްރައިކަރ ގެ މަގާމުވެސް ހާސިލްކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ބެސްޓް ޕްލޭޔަރ އަށް ހޮވިފައިވަނީ މަގުލަސް ކްލަބުގެ އިބްރާހީމް އޮލަޑިމެޖީ އެވެ. ބެސްޓް ގޯލްކީޕަރ އަކަށް މަގުލަސް ކުލަބުގެ އަހުމަދު ފިޔާޒް ހޯދާފައިވާއިރު، ބެސްޓް މިޑްފީލްޑަރ ހޯދާފައިވަނީ އެ ޓީމުގެ ޕްރިންސް ބޯޑު އެވެ. މުބާރާތުގެ ބެސްޓް ޔަންގް ޕްލޭޔަރ ގެ މަގާމުވެސް ލިބިފައިވަނީ މަގުލަސް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އާލަފް އަޙުމަދު އަށެވެ. އަދި ބެސްޓް ޑިފެންޑަރ ލިބިފައިވަނީ ކަނޑިތީމު ފުޓްބޯޅަ ޓީމުގެ މުޙައްމަދު ނައުފަލް އަށެވެ.

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިގަދަކޮށް ބާއްވާ ކުޅުދުއްފުށީ ޗެމްޕިއަންޝިޕު، މި މުބާރާތުގައި މިއަހަރު މުޅި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ 4 ޓީމާއި ކުޅުދުއްފުށިން ބޭރު 4 ޓީމެވެ. އެގޮތުން މިއަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމު، ކަނޑިތީމު ފުޓުބޯޅަ ޓީމުން މި މުބާރާތުގައި ބައިވެރިވެފައިވަނީ އަލަށް ކަމަށްވެސް ފާހަގަކޮށްލެއެވެ.