އއ.މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، އެ އަތޮޅު ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެ މަނިކުފާނު އަންގާރަ ދުވަހު އއ. މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅެކެވެ.

Ad
rt

މަޑިވަރު ފިނޮޅުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެގޮތަށް ތަރައްޤީކޮށްދީ، ލޯކަލް ޓޫރިޒަމާއި ޕިކްނިކް ދިއުންފަދަ ހުރިހާ ބޭނުމަކަށް ބޭނުންކުރެވޭގޮތަށް، ވަރަށް އިސްކަން ދީގެން އެ ފިނޮޅުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރަސްދޫގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް

މީގެ އިތުރުން ރަށުގެ ބައެއް ކަމުގައި ފަޅުތެރެއިން ކަނޑައަޅާފައިވާ، 200 ހެކްޓަރުގެ ސަރަހައްދުން ރަށަށް ބޭނުންވާ ގެދޮރުވެރިކަމާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ބިން ހިއްކައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންފައިވެއެވެ. އަދި ބަނދަރުގެ މަޝްރޫޢާއި މަޑިވަރު ފިނޮޅުގެ މަޝްރޫޢު ނިންމެވުމަށްފަހު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރަސްދޫގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް

އިއްޔެގެ ރަސްމިއްޔާތުގައި، އއ. ރަސްދޫގެ ތަރައްޤީއަށް މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސްއާއި، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތް އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކެވެ.

ސްކޫލުގެ އައު އިމާރާތުގައި ސްކިލް ލެބާއި ކޮމްޕިއުޓަރ ލެބްގެ އިތުރުން ޕްރޭޔަރ ރޫމް އަދި ލައިބްރަރީ ހިމެނޭނެކަމަށާއި، މަލްޓިޕަރޕަސް ހޯލަކާއެކު ސްކޫލަށް އިތުރު ޖާގަ ލިބިގެންދާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.