އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ އިސްތަށީގައި ކަޅުކުލަޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވޭ ކަމަށެވެ. އެއީ ޙަރާމްކަމަށް ވިދާޅުވާ ޢިލްވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުކަން ފަތުވާ މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ފަތުވާ މަޖިލީހުން ބުނީ މި ދެރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށްކަމަށާއި، މި މައްސަލަ ދިރާސާ ކުރައްވައި ޢިލްމުވެރިން ނެރުއްވައިފައިވާ ޙުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާ ކަމަށެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީވެސް ޢިލްމުވެރިން ޤަބޫލުކުރައްވައިފައިވާ ދެރައުޔުކަން ފަތުވާ މަޖިލީހުން ވަނީ ފާހަގަކުރަށްވާފައެވެ.

''ނަމަވެސް ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށެވެ.'' ފަތުވާ މަޖިލީހުން ބުނެފަވެއެވެ.

ފަތުވާ މަޖުލީހުން މި ފަތުވާ ނެރެފައި ވަނީ 18 ފެބްރުއަރީ 2025 ގައެވެ. ނަމަވެސް މި ފަތުވާ އާންމުކޮށް ފަތުވާ މަޖިލީހުގެ ވެބްސައިޓްގައި ޝާޢިއުކޮށްފައި ވަނީ އިއްޔެއެވެ.