ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަފްޞީލު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް ނިންމައި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށެވެ.

Ad
rt

ފަހުމީ ވިދާޅުވިގޮތުގައި މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެއެވެ.

''މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ.'' ފަހުމީ ވިދާޅުވެފަވެއެވެ.

މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުންކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު މި އެޕްލިކޭޝަނުން ލިބިގެންދާނެއެވެ. އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ވިދާޅުވީ، ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒުކަމަށެވެ. މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.