ނ. އަތޮޅު މާފަރުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަދު ޖައްސައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަނީ ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސާފައެވެ. އެއީ ބޮއިންގ 777 ގެ ފްލައިޓެކެވެ. މާފަރަށް ޖައްސާފައި ވަނީ އެމިރޭޓްސްގެ ބޯޓެކެވެ.

Ad
rt

ބޮއިންގ 777 ގެ ފްލައިޓު މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ، އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއްކަމަށް ވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ބުންޏެވެ.

''މީގެ ތެރޭގައި ރަންވޭގެ ޤާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިންގ އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއަރ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނޭ'' ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

މާފަރަށް ވައިޑް-ބޮޑީ ބޯޓު ޖައްސާފައި، މިއީ އެ އެއާޕޯޓްގެ ތާރީޚްގައި މި ސައިޒްގެ ބޯޓެއް ޖެއްސި ފުރަތަމަ ފަހަރު، ފޮޓޯ: ރިއްފަތު އިބްރާހިމް

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސާފައި ވަނީ އެ އެއާޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. މީގެ ތެރޭގައި 2.2 ކިލޯމީޓަރުގެ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 13 ޖެޓުގެ ބަދަލުގައި 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

2019 ގައި ހުޅުވުނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ވަނީ 2024 ގެ މެއި މަހު ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރު މި އަޕްގްރޭޑްތައް ނިމި، އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، މިއީ ރާއްޖޭގެ އޭވިއޭޝަން ވިއުގައިގައި މާފަރު އެއަރޕޯޓުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް ސަރުކާރުން ބުނެއެވެ.