ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަހަރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުން ކުޅުދުއްފުށި ސިޓީގެ ދަރިވަރަކު އެއްވަނަ ހޯދައިފިއެވެ.

މި ފަޙުރުވެރި ވަނަ ހޯދާފައިވަނީ ހދ. ކުޅުދުއްފުށީ ޝަބްނަމީގެ، ޢާއިޝަތު ބިންތު އިބްރާހީމް ރަޝީދު ޙަސަން އެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން ކިޔެވި އުމުުރުފުރާ ކަމަށްވާ، 7 އަހަރާއި 10 އަހަރުގެ އުމުުރުފުރާއިންވެސް އެއްވަނަ ހޯދާފައެވެ.

Ad
rt

އެގޮތުން މުބާރާތުގެ ޝަރަފުވެރި އެއްވަނަ ހޯދާފައިވުމުން، މި ދަރިވަރަށް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 15،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދީފައެވެ.

ޕީއެސްއެމް އިން ބުނެފައިވަނީ މި މުބާރާތުގައި 979 ކުދިން ބައިވެރިވެފައިވާކަމަށާއި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ.

މި މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ޕީއެސްއެމް ޓީވީ ބިލްޑީންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި މުބާރާތުގެ ދެވަނަ އަށް ގޮސްފައިވަނީ ގ.އަލިއާބާދު، މިޝްޔާ ބިންތު ހަސަން ސަލާހު އެވެ. އަދި މުބާރާތުގެ ދެވަނައިގެ އިތުރުން 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރައިންވެސް އެއްވަނަ ހޯދާފައިވާއިރު، އޭނާއަށް ވަނީ ޕީއެސްއެމްގެ ފަރާތުން ލިޔުމާއި ޓްރޮފީގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ހަވާލުކޮށްފައެވެ

މީގެ އިތުރުން މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ 10 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރައިން 2 ވަނަ ހޯދި ވ.ޅަސަނދު، މުޙައްމަދު މަޢާން ބިން މުންތަޒިމްއެވެ. އޭނާއަށް ވަނީ ޕީއެސްއެމްގެ ފަރާތުން 7000 ރުފިޔާގެ ފައިސާގެ އިނާމާއި ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ.

ޕީއެސްއެމްގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ޤުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.