ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހއ. އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ޕިކަޕެއް އެރަށު ކައުންސިލަށް ހަދިޔާކޮށްދީފިއެވެ.
އިހަވަންދޫ ކައުންސިލުން ވަނީ މަސްވެރިންނަށް ބޭނުންވާ އައިސް އުފުލުމަށް މިފަދަ ބޮޑު އެހީއެއް ވެފައިވާތީ، މަސްވެރިންނާއި އެ ކައުންސިލުގެ ފަރާތުން އެސްޓީއޯގެ މެނޭޖްމެންޓަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އިހަވަންދޫ އަކީ ރާއްޖޭގެ އުތުރުގެ މަސްވެރިކަމަށް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ އެރަށުގެ މަސްވެރިންގެ ބައިވެރިވުމާއެކު އިގްތިސޯދީ ގުދުން ފުދުންތެރި ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ.
މަސްވެރިކަމުގެ ސިިނާއަތުގައި އިހަވަންދޫ މަސްވެރިންގެ ހިތްވަރު ފާހަގަކޮށްލެވޭއިރު އެސްޓީއޯއިން މަސްވެރިންނަށް ހަދިޔާކޮށްދިން ޕިކަޕުގެ ސަބަބުން މިއީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
އިހަވަންދޫ އަކީ މަސްވެރިކަމުގެ މައި ނާރެހެއް ކަމަށްވުމާއެކު ސަރުކާރުން ވަނީ އެރަށުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް ނިންމައި، އެތަނުގެ ބިންގާ 30 ޖެނުއަރީ 2025 ގައި އަޅާފައެވެ.
ޖުމްލަ 416 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއާއި، އޮފީސް ޖާގައާއި، އިންޖީނުގެއާއި، ގުދަނަކާއި، ތިން ދިމާއަކުން މަސްކިރޭނެ 7 މީޓަރު ފުންމިނުގެ 1000 މީޓަރު ދިގު މަގަތު ފާލަމަކާއި އަދި 4.5 މީޓަރު ފުންމިނުގެ ބަނދަރެއް، ޖެޓީއާއެކު ތަރައްގީކުރެވޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!