ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. މި ވާޖިބު އަދާކުރުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖިއޮގްރަފީއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަޙައްދުގެ ގޮތުން ބިޔަ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަޙައްދަކީވެސް ދިވެހި ޤައުމުގެ ބައެއްކަން ހަނދުމަފުޅުކޮށް އެރުވިއެވެ.

ދިވެހި އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ޙާޞިލުކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއް ކަމުގައެވެ. އަދި މާ ދުރު ނޫން މުސްތަޤުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، އެހެނިހެން ފަރާތްތަކަށް މެޑެލި އަދި ފިލާ ހަވާލުކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިންނާ ރަމްޒީގޮތުން ބަޑި ހަވާލުކުރައްވާފައިވެއެވެ.