މައިކްރޯސޮފްޓްގެ ކޯޕައިލެޓް ވިޝަން އެންމެންނަށް ލިބޭގޮތް މިހާރު ހަދައިފިއެވެ.

މައިކްރޯސޮފްޓުން އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ އެޖް ބްރައުޒަރުގައި ކޮޕައިލެޓް ވިޝަން ނަމަކަށް ކިޔާ އާ ފީޗަރެއް މިހާރު ވަނީ އެންމެހައި ޔޫޒަރުންނަށް ތަޢާރަފުކޮށްފައެވެ. މި ފީޗަރަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެބްސައިޓްތަކުގެ މަޢުލޫމާތު ދެނެގަނެ، ބޭނުންކުރާ ފަރާތްތަކަށް އެހީތެރިވެދޭ ނިޒާމެކެވެ.

Ad
rt

މި ފީޗަރ ފުރަތަމަ ތަޢާރަފުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭރު މި ފީޗަރ ލިބެމުން ދިޔައީ ހަމައެކަނި ކޮޕައިލެޓް ޕްރޯ ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށެވެ. ނަމަވެސް މިހާރު މައިކްރޯސޮފްޓުން ވަނީ މި ފީޗަރ އެންމެހައި އެޖް ބްރައުޒަރު ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލާފައެވެ.

މައިކްރޯސޮފްޓް އޭއައިގެ ސީއީއޯ މުސްތަފާ ސުލައިމާން ވިދާޅުވި ގޮތުގައި ކޮޕައިލެޓް ވިޝަންގެ ސަބަބުން އިންޓަރނެޓް ބްރައުޒްކުރުމުގައި ލިބޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ. "މިހާރު ކަންކަން އިތުރަށް ތަފްސީލުކޮށް ކިޔައިދޭކަށް، ނުވަތަ ކޮޕީ ޕޭސްޓްކުރާކަށް، ނުވަތަ އެއްޗެއް ބަޔާންކުރަން އުނދަގޫވާކަށް ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮޕައިލެޓް ވިޝަންއަކީ ރިއަލްޓައިމްކޮށް ވެބްޕޭޖްތަކުގެ މަޢުލޫމާތު ދެނެގަނެ، ބޭނުންކުރާ ފަރާތުގެ ސުވާލުތަކަށް ޖަވާބުދޭ ނިޒާމެކެވެ. މީގެ އިތުރުން މި ފީޗަރގައި އަޑުން ވާހަކަދެއްކުމުގެ ޚާއްސިއްޔަތުކަމެއްވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ޓައިޕްކުރުމުގެ ބަދަލުގައި އަޑުން ވާހަކަދައްކައިގެން މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.