މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، އްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިޢާދަކުރަނިވި ހަކަތައިން ޕަވަރކުރެވޭގޮތަށް ރާއްޖޭގެ ހުރިހާ ސަރުކާރުގެ ހުރިހާ ކްލާސްރޫމްތަކެއް ފިނިކުރަން ނުވަތަ އޭސީކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައިގެން، ސިޔާސަތެއްގެ އެގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެއްކަމަށެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި ސަރުކާރު ސްކޫލްތަކުގައި ޖުމްލަ 3704 ކްލާސްރޫމް މިހާރު އެބަހުއްޓެވެ. އަދި އަމާޒުކުރަށްވަނީ މި ކްލާސްރޫމްތައް، މި އަހަރުގެ ތެރޭގައި، ސެޕްޓެންބަރު މަހާއި ހަމައަށް އޭސީކޮށް ނިންމަންކަމަށް ރައީސް ވިދާޅުވިއެވެ.

''ގައިމުވެސް މި އަހަރު ތެރޭގައި އިނގޭތޯ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެ. މިހާރު ހަމަ އެކަމާބެހޭ ފަންޑިންގ އިޝޫއެއްވެސް ނެތް. ހަމަ ގަތުމުގެ ޕްރޮކިއުމަންޓްގެ ތެރޭގައި އެދަނީ. އަދި ބައެއް ތަންތަން، މިހާރު ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ. އެކިއެކި ކްލާސްތަކުގައި. ދެން އޭގެތެރެއިން އެއްބައި އަދި އެއީ. މިހާރު 9000 ކޮންމެވެސްވަރެއް ޖުމްލަ މިދަނީ. އޭގެތެރެއަށް އެބަ އިތުރުކޮށްލަން މިހާރު މި ހޯލުތައްވެސް އިނގޭތޯ.'' ރައީސް ވިދާޅުވިއެވެ.

ހޯލްތައް އޭސީ ކުރުމަށް ވަޢުދުވެވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް ހޯލުތައްވެސް ވަރަށް މުހިންމުކަމަށާއި، ހޯލްތަކުގައި ކުދިންގެ އެކިކަހަލަ އެކްވިޓީޒްތައް އޮންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

''އެއީ، ވަރަށް މުހިންމު މަރުކަޒަކަށް، އަނެއްކާ ގިނަ ރަށްތަކުގައި އެއީ، ހަމައެކަނި ސްކޫލްގެ ބޭނުމަކަށްވެސް ބޭނުންކުރާ ތަނެއްނޫން. ރަށުގައި ނުހުރޭ ރައްޔިތުން އެއްވެގެން އެއްވެސްކަހަލަ ހަރަކާތެއް، އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް. ޖަލްސާއެއް ބާއްވާލަންވިޔަސް، ނޫނީވިއްޔާ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާލަންވިޔަސް ހުންނަ ތަނަކީ، މަލްޓި-ޕަރޕަސް ހޯލް ގޮތަށް ހުންނަ ހޯލުތައް.'' ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ހޯލުތައް ވެސް އޭސީކުރަން މިހާރު ނިންމަވާފައިވާ ކަމަށާއި، ނަމަވެސް މިވަގުތަށް އެ ޓާގެޓަށް ވާސިލް ނުވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

''އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއަށް މި އިތުރުކޮށްލީ ހޯލުތައްވެސް. އެކަމަކު އެ ޓާގެޓް މިހާރަކު ހާސިލެއްނުވާނެ. އެއީ، ހަމަ އިތުރުވެގެންދާ މަސައްކަތެއްވީމަ. އެކަމަކު މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާހެއް އޭސީކުރެވި އަދި އޭސީގެ ކަރަންޓަށް ބޭނުންވާ ހަކަތަ އިޢާދަކުރަނިވި ސޯލަރ ޕަވަރއިން ހަމަޖެހިގެންދާނެ. އެހެންވީމާ، އެ މަސައްކަތް އެބަ ހިނގާ. އެއަކު އެއްވެސް މައްސަލައެއް ނެތް. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހާސިލުވާނެ.'' ރައީސް ވިދާޅުވެފައެވެ.