މިވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރަށްވަން ބޭނުންފުޅު ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ފެޔަށްޖެހިވަޑައިގަންނަވަން ބޭނުންފުޅު ނޫންކަަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓިސްގެ އިސް ބޭފުޅުންތަކެއް އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެވިފައިވަނީ ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ތަނަވަސްކަމަށް އެންމެ ބޭނުންތެރި ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"2008 ގެ އިންތިޚާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ، ދިޔަ މިންވަރުން، އަދި އެ އާމްދަނީއިން ކުރެވުނު އުމްރާނީ މަސައްކަތާއި، ރައްޔިތުންނަށް ހޯދައި ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ،" ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމަށެވެ.

"އެމްޑީޕީއަކީ އަލްހުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އަޅުހުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަލްހުގަނޑު ބައިވެރިވި ޑެމޮކްރެޓްސްއަކީ ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުޞަތެއް،" ނަޝީދު ވިދާޅުވިއެވެ.


ނަމަވެސް، މިވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތެއް ކުރަން ބޭނުންފުޅު ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

''އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،" ނަޝީދު ވިދާޅުވެފަވެއެވެ.

ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އާއި، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.