ޗައިނާ އާއި ދިވެހިރާއްޖެ އާއި ދެމެދު ގާއިމުކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހިރާއްޖެއިން އެކްސްޕޯރޓް ކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތަކުން ޑިއުޓީ މައާފުވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން ސަރުކާރުން އިއްޔެ ވަނީ ޢިއުލާންކޮށްފައެވެ.

Ad
rt

މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

މި މަޑުޖެހުމަށްފަހު ސަރުކާރު ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެއެވެ.

ޗައިނާއަށް އެތެރެކުރެވޭނެ މަހުގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތައް ހިމެނެއެވެ. އަދި ޕްރޮސެސްކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކުގެ ތެރޭގައި ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ވެސް ހިމެނެއެވެ.

ސަރުކާރުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.