ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގެ ފައިނަލުން ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައި ވަނީ 22 ސްޕޯޓްސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ.

Ad
rt

އެންވީކޭ ފައިނަލުން ޖާގަ ކަށަވަރު ކުރީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދައިގެންނެވެ. އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. 22 ސްޕޯޓްސްއަށް އެއްވަނަ ލިބިފައި ވަނީ ފައިދާ ގޯލުންނެވެ.

22 ސްޕޯޓްސް ކްލަބާއި އެންވީކޭ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ހޯރަފުށީ ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހިޔާ، 22 ސްޕޯޓްސް ކަލްބް، އާރުވީއެސްއޭ، މި ތިން ޓީމަކީ ހޯރަފުށީ ޓީމްތަކެވެ. ދެން މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑްއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑާމީތަކާއި އަމިއްލަ އިސްނެގުމުގެ މަތީން ކުޅުންތެރިން އަދި ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.