ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ އޮންލައިން ރަސްމިއްޔާތެއްގައެވެ.

Ad
rt

މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އެނޫންވެސް އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ޗައިނާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ފަންނީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް، މިސާލަކަށް ލޯޔަރުން، އާކިޓެކްޓުން، ސިއްހީ ޚިދުމަތްތެރިން އަދި މިނޫންވެސް ގިނަ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޗައިނާ މާކެޓްއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބި، ވަޒީފާގެ އިތުރު ފުރުސަތުތައް އިތުރުވެ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވެފައިވަނީ މި އެއްބަސްވުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދެޤައުމުންވެސް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ހަކަތައެއް ލިބި، ވިޔަފާރީގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އުފެއްދުންތެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އުއްމީދު ކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި މުދަލާއި ޚިދުމަތްތައް ބަދަލުކުރުމުގައި ހުރި ހުރަސްތައް ނައްތާލެވި، ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓަށް ވަނުމުގެ ފުރުޞަތު ލިބި، އެކްސްޕޯޓް ވިޔަފާރި އިތުރުވެގެންދާނެކަމަށްވެސް ބެލެވެއެވެ.

ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ލޯކަލް މާކެޓަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ސަރުކާރުން ވިދާޅުވެފައިވަނީ މި އެއްބަސްވުން ތަންފީޒުކުރުމުގައި ދިވެހި ވިޔަފާރިތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ޖުމްލަ ގޮތެއްގައި، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ބާރަކަށްވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފިޔަވަޅެއްކަމަށް ބެލެވެއެވެ.