އެ ވަގުތު ހަމަހިމޭންކަން ވެރިވެފައިވާ އެ ގޯތި ތެރެއިން އޭނާގެ ކަންފަތުގައި ޖެހުނީ އަރޫޝާއާ ދާއިންގެ އަޑެވެ. ލިބުނު ކުއްލި ސިހުމާއި ހައިރާންކަމުގެ ސަބަބުން ރިޒާއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ވިސްނާލަން ހުރުމަށްފަހު ރިޒާ އެނބުރި ދިޔައީ ކޮޓަރިއަށެވެ. ނަމަވެސް އޭނާގެ ހިތަކަށް އޭރު ވެސް ހަމަޖެހުމެއް ނުލިބެއެވެ.
އަރާމުގައި ނިދާފައި އޮތް މަދީހާގެ މޫނަށް ބަލަހައްޓައިގެން ރިޒާ އިނީ ވިސްނާށެވެ. އަރޫޝާ އެ ގެއަށް އައިއްސުރެ މިއަދާ ޖެހެންދެން އެ ގޭގައި ހޭދަކުރި ދުވަސްތައް ވަކިވަކިން ރިޒާ ހަނދާނަށް އަންނަން ފެށިއެވެ. ދުވަހަކުވެސް ދާއިންއާ ވާހަކަ ދައްކާ ހަދާ މަންޒަރެއް ނުފެނެއެވެ. ވީއިރު އެ ދެ މީހުންގެ ގުޅުމަކީ ވަރަށް ސިއްރުން ކުރިއަށް ގެންދާ ގުޅުމެއްކަން ރިޒާއަށް ޔަގީން ކުރެވުނެވެ.
" ދާއިން އަހަރެން މަތިން މިސްވާނެތަ؟" އަރޫޝާ އަހާލިއެވެ.
" ކޮން ހައިސިއްޔަތަކުން؟" ދާއިން ބުންޏެވެ. ހިނިގަނޑެއް ޖަހާލަމުންނެވެ.
" އޯހް. ދާއިން ބުނީމެއްނު އަހަންނަކީ ވަރަށް ގާތް އެކުވެރިއެކޭ. އެހެންވެ އެކުވެރިން މަތިން މިސްވާނެ ކަމަށް ހީކުރީ." އަރޫޝާ ބުންޏެވެ.
" ނަންބަރު ދިނީމަ ދޯ ގުޅޭނީ ވެސް. މިސް ވަންޏާ އަހަރެން ގުޅާނަން. " ހެމުން ހެމުން ދާއިން ބުންޏެވެ.
" އާސިފްގެ ފަރާތުން އުނދަގުލެއް ވިއްޔާ އަހަރެން ގާތު ބުނާތި. އަނެއްކާ މިހެން ބުނީމަ އަހަރެން ދާ ތަނުން އާސިފްއާ ދެ މީހުންގެ ކައިވެނި ކާޑެއް ނޫން ފޮނުވާނީ." އަނެއްކާ ވެސް ވާހަކަ ދެއްކީ ދާއިންއެވެ.
" އާސިފްއާ؟ އަހަރެން ނޫޅެމޭ އާސިފްއާ އިންނާކަށް. އެހެން ނޫނަސް އެކަހަލަ ހިޔާލެއް އަހަރެން ނުވެސް ގެންގުޅެން." އަރޫޝާ ބުންޏެވެ.
ހެއްވާ މަޖާ ވާހަކަތަކުގައި ދެ މީހުން ތިއްބާ އިވުނީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. އެހެންކަމުން ބައްޕަ މިސްކިތަށް ދާން ނިކުތުގެ ކުރިން ދެ މީހުން ގެއާ ދިމާލަށް ހިނގައިގަތެވެ.
ރިޒާ މިސްކިތުން އައި ވަގުތަކީ ދާއިން ދަބަސް ހިފައިގެން ނިކުތް ވަގުތެވެ. ދާއިން ފެނި ރިޒާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ރިޒާއަށް ވެފައި ހުރި ގޮތުން އޭނާ މާލެ ދާ ވާހަކަ މަންމަ ނުބުނާކަން ދާއިންއަށް އެނގުނެވެ.
" މަންމައަށް މުހިއްމު ނުވީމަ ދޯ ބައްޕަ ގާތު ނުބުނީ؟ އެނގޭ އަހަރެންގެ ކަމެއް މަންމައަކަށް މުހިއްމެއް ނުވާނެކަން. އިއްޔެ އަހަރެން ބުނިން ފަތިހު ފުރާ ދޯނިން މާލެ ދާނަމޭ." ދާއިން ބުންޏެވެ.
ލޮލުގައި އޮތް އައިނު ނަގަމުން ރިޒާ އިސްޖަހާލިއެވެ. އޭރުވެސް ރިޒާގެ ސިކުނޑިއަށް އުނދަގޫ ކުރުވަމުން ދަނީ ދާއިންއާއި އަރޫޝާގެ ގުޅުމެވެ.
" މާލެ ގޮސް ކޮންތާކު ހުންނަނީ؟ އަންނަ ރުޅީގައި ތިހެން ގޮސްގެން ކިހިނެއް ވާނީ؟ " ރިޒާ ސުވާލު ކުރިއެވެ.
" ގޮތެއް ނެތިއެއް އަހަންނެއްވެސް ނުދާނެ ދޯ! އަހަންނަކީ ބައްޕަމެން ތި ހީކުރާ ކަހަލަ ވިޔާނުދާ މީހެއް ނޫނޭ. " ދާއިން ބުނެލިއެވެ.
އެ ވަގުތު ކުއްލިއަކަށް ދޮރާށި ހުޅުވިއްޖެއެވެ. ދާއިންއާ ރިޒާއަށް އެ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. ނަދީމް ފެނުމުން ރިޒާއަށް ލިބުނު ހައިރާންކަމާއެކު އޭނާއަށް އުފަލުން ހިނިތުންވެވުނެވެ.
" ދަރިފުޅު... އަންގައިވެސް ނުލާ ތި އައީ؟" ރިޒާ އަވަސް އަވަހަށް ބުންޏެވެ.
ލުއި ހިނިތުންވުމެއްގައި ހުރެ ނަދީމްއަށް ބަލައިލެވުނީ ދާއިންއަށެވެ. ދާއިންގެ ކޮނޑުގައި އޮތް ދަބަސް ފެނުމުން އޭނާ ތަނަކަށް ދާން އުޅެނީކަން ނަދީމްއަށް ވެސް އެނގުނެވެ.
" ކޮއްކޮ ކޮންތާކަށް ދާން؟ " ނަދީމް ވާހަކަ ދެއްކީ ދާއިންއާއެވެ.
ހިތްހަމަ ނުޖެހޭ ގޮތަކަށް ހީލަމުން ދާއިން ބަލައިލީ ރިޒާގެ މޫނަށެވެ.
" މަންމައާއި ބައްޕަގެ އެންމެ ލޯބިވާ ދަރިފުޅު އެ އައީ. އެހެންވީމަ ދެން ބައްޕަމެން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ. އަހަންނާހެދި ވާ އުނދަގޫތަކެއް ދެނެއް ނުޖެހޭނެ. އަހަންނާ ހެދި ބައްޕަމެން ލަދުގަންނާކަށް މި ރަށުގައި އުޅޭކަށް އަހަރެން ނޫޅެން. " ދާއިން ބުންޏެވެ.
ނަދީމްގެ މޫނަށް ބަލައިވެސް ނުލައި ދާއިން ނިކުމެގެން ދިޔައީ ނަދީމް ގޮވަގޮވާ ހުއްޓައެވެ. ދާއިން ނިކުތުމާއެކު ސުވާލުގެ ނަޒަރަކުން ނަދީމްއަށް ބަލައިލެވުނީ ރިޒާގެ މޫނަށެވެ.
" އަހަރެން ކަނޑުމަތީގައި އުޅުނީމަ ތި ނުގުޅުނީ. އެ ވަރުގެ ބޮޑުކަމެއް ވީމަ ވެސް މަންމަމެން ކީއްވެ އޭނަ މާލެ ދާން ތި ދޫ ކޮށްލީ؟" ނަދީމް ބުންޏެވެ.
ނަދީމް ހުރީ މަންމައާއި ބައްޕަގެ ކޮޓަރީގައެވެ. ނަދީމްގެ ވާހަކަތަކުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން މަދީހާއަށް އެނގުނެވެ.
" އޭނަ އަމިއްލައަށް ދާން ބޭނުންވި ވަގުތު ދިޔަ ދިނީމަ ރަނގަޅުވާނީ. ދެން އަމިއްލައަށް އުޅެން ފެށީމަ ހަރުދަނާ ވެސް ވާނީ. ދާއިންއާ މެދު ވިސްނާ މީހެއްގެ ބޯ ހަލާކު ވާނީ. އެއްޗެއް ބުނިއްޔާ އަދި ވަކިން ކަންތައްގަނޑު ބޮޑު ކޮށްލާނެ." މަދީހާ ބުންޏެވެ. އޭނާ ހުރީ އަދިވެސް ރުޅި އައިސްފައެވެ.
" ސައިކަލު ހަދަން ލާރި ހޯދާށޯ އެ ދިޔައީ. އަހަރެން އެއްޗެހި ކިޔަން ފެށީމަ ބުނި އެހެން." ފޫހި ރާގަކަށް މަދީހާ ބުންޏެވެ.
" އަހަރެން ހިތަށް އަރަނީ މާލެ ގޮސް ނުބައި ގޭންގުތަކާ ގުޅިގެން ނުބައި މަގަކުން ގޮސްދާނެޔޭ." ފުން ވިސްނުމެއްގައި އިނދެ ރިޒާ ބުންޏެވެ.
" ދެން ދާއިންގެ ވާހަކަ ދައްކަންޏާ ދައްކާހާ ވާނީ. ބޮޑެތި ވީމަ ދަރިންގެ ފަހަތަކުން ނުދުވެވޭނެ." މަދީހާ ބުންޏެވެ.
" މަންމާ އަހަރެން މި ދަނީ ޖައްސާލަން. " އެނދުން ތެދުވެ ހުރެ ނަދީމް ބުންޏެވެ.
" މަންމަ މިދަނީ ސައިކައްކަން. ހޭލައިގެން އަންނާތި ސައިބޯން." މަދީހާ ބުންޏެވެ.
ނަދީމް ނިކުތުމާއެކު ރިޒާގެ ހިތް ބާރަށް ތެޅިގަތެވެ. އޭރު މަދީހާ ހުރީ ފުނާއަޅާށެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު ރިޒާ މަދީހާއަށް ގޮވާލިއެވެ.
" އަހަރެމެންނަށް ނޭނގި މި ގޭތެރޭގައި ކަމެއް ވާކަން ކަލެޔަށް އެނގޭތަ؟" ރިޒާ ބުންޏެވެ.
ރިޒާގެ ޖުމްލައިން ހައިރާންވެފައި މަދީހާއަށް ބަލައިލެވުނެވެ. ފުނަލުގައި އޮޅިފައި ހުރި އިސްތަށިތައް ނައްޓާލަމުން މަދީހާ ވާހަކަ ދައްކަން ފެށިއެވެ.
" ކަމެއްވެޔޭ؟ ކޮންކަމެއް ވަނީ؟" މަދީހާ ބުންޏެވެ.
" އަހަރެން ރޭ ދަންވަރު ފެންފުޅިއެއް ބަލައި ނިކުތް ވަގުތު ގޭ ދޮރު ހުޅުވާފަ ހުރީމަ ތަޅުލަން ވެގެން އައީ. އެ ވަގުތު.... ދާއިންއާ އަރޫޝާ ބޭރު ޖޯލީގައި ތިބި." ރިޒާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.
" އޭނ؟ ދާއިންއާ އަރޫ...ޝާއޭ؟" މަދީހާއަށް ބުނެވުނެވެ.
އޭނާއަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. ބަސް ހުއްޓި، ހަރަކާތްވެސް ހުއްޓިފައި އޭނާއަށް އިރުކޮޅަކު ހުރެވުނެވެ.
" އެ ގަޑީގައި ދެ މީހުން ބައްދަލް ކުރާނީ ގުޅުމެއް އޮތީމަ." ރިޒާ ބުންޏެވެ.
" އެ މީހުންނަށް ރިޒާ ފެނުނުތަ؟" މަދީހާ އެހިއެވެ.
ރިޒާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ތިކަން ވިޔަ ދީގެން ނުވާނެ. އަރޫޝާއާ ދާއިން ގުޅިގެން ނުވާނެ. އަރޫޝާއަކީ ވަރަށް ރަނގަޅު ވަރަށް ކިޔަމަންތެރި ކުއްޖެއް. އަހަންނަކަށް ނޭނގުނު ދާއިންއާ އަރޫޝާ ގުޅެން ޖެހުނު ސަބަބެއް ވެސް؟ ދާއިންއަކީ އެއްވެސް ހަރުދަނާ މީހެއް ނޫންކަން ހަމަ ރަނގަޅަށް ވެސް އަރޫޝާއަށް އެނގޭނެ." މަދީހާ ބުންޏެވެ.
އޭނާއަށް ލިބިފައިވާ ހައިރާންކަން ހައްތަހާ އިތުރުވަމުން ދާ ކަހަލައެވެ.
" އަމިއްލަ ދަރިޔަށް ވިޔަސް އަހަރެން ވާހަކަ ދައްކާނީ ހަގީގަތަށް. ދާއިންއަކީ އަރޫޝާ ކަހަލަ ރަނގަޅު، ވިސްނޭ ކުއްޖަކު ކައިވެނި ކުރަން އެކަށީގެންވާ ކުއްޖެއް ނޫނޭ. ދާއިންއަކީ އަހަރެމެން ބުނާ އެއްޗެއްގެ އަޑެއް އަހާ ކުއްޖެއް ނޫން. ވަޒީފާއެއްގައި އުޅެނީކީ ނޫން." މަދީހާ ވާހަކަ ދެއްކީ މާޔޫސްވެ ހުރެއެވެ.
" ދެން މަދީހާ ބުނެބަލަ އެކަން ހުއްޓުވާނެ ގޮތެއް." ރިޒާ އެހިއެވެ.
މަޑުމަޑުން ހިނގާފައި ގޮސް ކުޑަދޮރުގެ ޖާލީ ފޮތިގަނޑު ކަހާލި އިރު ރަނގަޅަށް ވެސް އަލި ވެއްޖެއެވެ. އެކަމަކު އޭނާ ހުރީ ކޮޓަރިން ނިކުންނަ ހިތްވެސް ކަނޑާލައިފައެވެ. ކުއްލިއަކަށް ދުނިޔެމަތިން ވެސް ފޫހިވީ ކަހަލައެވެ.
" ދެން މާ ބޮޑަށް ނުވިސްނާ. މިހާރު ދާއިންއެއްވެސް ރަށަކު ނެތެއްނު. ނަދީމް ހޭލަން ވާއިރަށް ސައި ހަދަން ދޭ. " ރިޒާ އެހެން ބުނެ އެނދުގައި އޮށޯތެވެ.
ކުއްލިއަކަށް މަދީހާ އައިސް އޭނާގެ މަގަތުގައި އިށީނެވެ. އޭރު އޭނާގެ މޫނުމަތި ކޮންމެވެސް ވަރަކަށް އުޖާލާވެފައި ހުރި ކަން ރިޒާއަށް ފާހަގަ ކުރެވުނެވެ.
" އޭ ރިޒާ! އަރޫޝާގެ ކައިވެނި ނަދީމްއާ ކުރެވިއްޖެނަމަ ހާދަ ރަނގަޅުވާނެޔޭ." މަދީހާ ބުންޏެވެ.
އެއާއެކު ރިޒާއަށް ވެސް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ވެސް ހިނިތުންވެވުނެވެ.
" އޭރުން އަރޫޝާ އަބަދުވެސް ހުންނާނީ ހަމަ މި ގޭގައެއްނު. އަހަރެމެން ކައިރީގައެއްނު. އަރޫޝާއަށް ދެރަގޮތެއް ވެދާނެތީވެ އެކަމާ ކަންބޮޑުވެގެން ރިޒާވެސް އުޅެމެއްނު. ކޮންމެ ގޮތެއް ވިޔަސް ނަދީމަކީ ކިޔަވައިގެން ހުރި ހަރުދަނާ ކުއްޖެއް. މިހާރު ކޯސް ވެސް އެ ނިމުނީ. ދެން ވަޒީފާއަށް ދިޔުމެއްނު އޮންނާނީ." މަދީހާ އެއްފައްޗަކަށް އަމުނާލިއެވެ.
އޭނާއަށް އެ ވިސްނުން އައުމާއެކު ކަންތައްތައް ކުރާނެ ގޮތް ސިކުނޑީގައި ރާވާލެވުނެވެ.
" އަނެއްކާ ތި ކަމަށް ނަދީމް އެއްބަސްވާނެ ބާ؟ ތި ކަމުގެ ސަބަބުން ނަދީމްއާއި ދާއިން ހަމަނުޖެހުމަކަށް ނުދާނެތަ؟ " ރިޒާގެ ހިތް ނުތަނަވަސްވިއެވެ.
" ރިޒާ އަބަދުވެސް ވިސްނާނީ އެންމެ ނުބައިކޮށް. ދެން ނަދީމްއާ ވާހަކަ ދެއްކީމަ އެނގިދާނެ އެއްނު. އަހަންނަށް އެނގޭ އަރޫޝާ އަކަށް ދެކޮޅު ހަދާކަށް ނުކެރޭނެކަން. އެކަމާ ފިކުރު ކުރާކަށް ނުޖެހޭނެ. " މަދީހާ ބުނެލީ ޔަގީންކަމާ އެކުއެވެ.
ގަޑިން މެންދުރު 11 ޖަހަނީއެވެ. ފެންވަރައިގެން އައިސް ނަދީމް ވަނީ ބަދިގެ ބަޔަށެވެ. އޭރު ވެސް މަދީހާ އުޅެނީ އަވަދި ނެތި ކެއްކުމުގައެވެ. ނަދީމް އައިސް ވަނުމާއެކު އޭނާ ސައި ހަދައިފިއެވެ. ވަގުތަކީ އަރޫޝާ ވެސް ބްރޭކަށް އައި ވަގުތެވެ.
ކުއްލިއަކަށް ނަދީމް ފެނުމާއެކު އަރޫޝާ ދިޔައީ ސިހިގެންނެވެ. ދާއިންއާ ވައްތަރު ކަމުންނެވެ. ދޮރުން އެތެރެއަށް ވަތް އަރޫޝާ ފެނި ނަދީމް ހީލީ ބީރައްޓެހި ގޮތަކަށެވެ.
" އަނހަ! އާދޭ ސައިބޯން އިށީންނަން. ކީއްވެ ތި މަޑުކުރީ؟ ނަދީމްއޭ މިއީ. ނުވެސް ބުނެ އައިސްގެން ރޭ ފަތިހު މަންމަމެން ސިއްސުވާލައިފި. " ހެވިފައި ހުރެ މަދީހާ ވާހަކަ ދެއްކިއެވެ.
" އަހަރެން ފަހުން ސައި ބޯނަން. " އަރޫޝާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.
ނަމަވެސް މަދީހާ ގޮސް އަރޫޝާ ހުއްޓުވިއެވެ. އޭނާ ބޭނުންވީ ނަދީމާއި އަރޫޝާ އެކުވެރި ކުރުވާށެވެ.
" ދެން ކީއްކުރަން ދަނީ؟ ދައްތަވެސް އަދި ސައި ނުބޮމޭ. އާދޭ. " މަދީހާ އެދުނެވެ.
ލަދުން ހުރެ އަރޫޝާ ގޮސް މޭޒު ކައިރީ އިށީނެވެ. ނަދީމް އިނީ ކަމުން ފޯނަށް ބަލާށެވެ.
" މިގޭގައި އަންހެން ކުއްޖަކު ނެތިގެން ފަޅު ވާހަކަ އަބަދު ދެއްކޭނީ. އަރޫޝާއައީމަ މަންމަ ހާދަ އުފާވެޔޭ. ދެން އެންމެ ދެރަވާނީ އަރޫޝާ މިގެއިން ދާ ދުވަހަކުން. ދުރުހިލޭ އަންހެން ކުދިން މައިދައިތަ މެންނަށް ރަނގަޅު ނޫން ވާހަކަ އަބަދު އަޑު އިވެނީ." މަދީހާ ބުނެލިއެވެ.
އެއާއެކު ބޭއިހްތިޔާރުގައި އަރޫޝާއަށް ހިނިތުންވެވުނެވެ. އޭނާގެ ހިނިތުންވުމުގެ ސިއްރަކީ ކޮބައިކަން މަދީހާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ.
ކުއްލިއަކަށް ނަދީމް ތެދުވެއްޖެއެވެ. އޭނާ ފެންތަށި ހުސްކޮށްލީ ވެސް ކޮޅަށް ހުރެއެވެ. ނަދީމްގެ އަވަސް ހަރަކާތްތަކުން މަދީހާ ޖެހިލުންވިއެވެ.
" ދަރިފުޅު ކީއްވެ ތި ދަނީ؟ ސައިތަށި ވެސް ހުސް ނުކުރެ.." މަދީހާ ބުންޏެވެ.
" ދެންމެ މި ފެނުނީ ކޮލެޖުން ގުޅާފައި އޮތްތަން. ފަހަރެއްގައި ސެޓްފިކެޓް ދޭ ދުވަސް އަވަސްވީ ކަންނޭނގެ. އެހެންވެ ގުޅާލަން މި ދަނީ." ނަދީމް ބުންޏެވެ.
މަދީހާ ބޯ ޖަހާލިއެވެ. ނަދީމް ދިޔުމާއެކު އަރޫޝާ މަދީހާގެ މޫނަށް ބަލައިލީ އުފާވެރިކަމާއެކުއެވެ. މަދީހާގެ ވާހަކަތަކުން ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް އަރޫޝާއަށް ލިބުނެވެ.
" ދައްތަ އަހަރެން ދެކެ ހަމަ އެހާ ލޯބިވޭތަ؟" އަރޫޝާ އެހިއެވެ.
އަރޫޝާގެ ސުވާލުން، މަދީހާއަށް ރަނުގެ ފުރުސަތެއް ލިބުނު ކަހަލައެވެ.
" އުފަން ދަރިއެއްދެކެ ވާ ލޯބި އަރޫޝާ ދެކެވޭ. ބޭބެ އަރޫޝާ މި ގެއަށް ގެންނަން ދައްތައާ ވާހަކަ ދެއްކި ދުވަހު އެހާ ގަބޫލެއް ނުވެވުނު. އަންހެން ކުއްޖަކަށް ވެފައި، އަހަރެމެންނަށް ނުބެލެހެއްޓި ދާނެތީ. އަމާނާތެއް، ބައެއްގެ ލޯބިވާ ދަރިއެއް ގެނެސް ދެރަ ގޮތެއް ވެ ދާނެތީ. " މަދީހާގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު އޭނާ ފެންކަޅި ވެއްޖެއެވެ.
ގަޔާވެފައި އިނދެ އަރޫޝާ އަޑުއަހަމުން ދިޔައެވެ.
" އެކަމަކު އަރޫޝާއަކީ އަހަރެމެން ބިރުގަންނަން ޖެހޭ ވަރަށް ވުރެ މާ ކިޔަމަންތެރި ދަރިއެއް. އަހަރެމެން ވަރަށް އިތުބާރު ވެސް ކުރަން. އަދި ދައްތައަށް އެނގޭ އަރޫޝާ ދައްތަމެންގެ އުފަލަށް ވެސް ވަރަށް ވިސްނާކަން." މަދީހާ ބުންޏެވެ.
" އާނ! އަހަރެން ވަރަށް ވިސްނަން. ދައްތަ އާއި ބޭބެ ފިޔަވައި މި ދުނިޔޭގައި އަހަރެންގެ ވަކި ތިބީ ކޮންބައެއް؟ ދައްތަމެންގެ އުފަލަށްޓަކައި އަހަންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ." އަރޫޝާ ބުންޏެވެ.
އޭނާ މަދީހާގެ ކޮނޑުގައި ބޯ ޖައްސާލީ ހިތުގައި ޖެހިގެންނެވެ. އަދި އެހާމެ އުފަލުންނެވެ.
" މަންމާ! ދެ ހަފްތާ ފަހުން އަހަރެން ދާން ޖެހޭ ގްރެޖުއޭޝަނަށް. " ނަދީމް ބުންޏެވެ.
އޭނާގެ އަޑަށް އަރޫޝާ އާއި މަދީހާ ދިޔައީ ސިއްސައިގެންނެވެ.
" އެ...އެހެންތަ؟ ދަރިފުޅު ދެން ވަޒީފާއަށް ދަނީ ކޮން ދުވަހަކުން؟" މަދިހާ ސުވާލު ކުރިއެވެ.
" އަދި ނޭނގެ. " ނަދީމް ދިނީ ކުރު ޖަވާބެކެވެ.
އިރުކޮޅަކު ދޮރު މަތީ މަޑުކޮށްލުމަށްފަހު ނަދީމް ނިކުމެގެން ދިޔައެވެ.
އަރޫޝާ އޮތީ ކޮޓަރީގައެވެ. ދާއިންގެ ފޯނު ނަންބަރަށް ބަލަހައްޓައިގެން އޭނާ އޮތީ ވަރަށް ބޮޑަށް ފޫހިވެފައެވެ. މާލެ ގޮސް ދާއިންގެ އެއްވެސް ހަބަރެއް ނުވާތީ ހިތްހަމަ ވެސް ނުޖެހިފައެވެ. ކިތަންމެ ގުޅާ ހިތް ވި ނަމަވެސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ ދާއިން އޭނާއަށް ގުޅާނެ އިރަކަށެވެ.
" ނަންބަރު ދިނީމަ ދޯ ގުޅޭނީ ވެސް. މިސް ވަންޏާ އަހަރެން ގުޅާނަން. " ހެމުން ހެމުން ދާއިން ރޭގައި ބުނި ޖުމްލަ އަރޫޝާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
" އަހަރެން ކީއްވެތަ ދާއިން މަތިން މިހާ ހަނދާން މި ވަނީ. ދާއިން ބުނި އޭނަ މިސް ވަންޏާ ގުޅާނަމޭ. އެކަމަކު އެއް ދުވަސް ވީ އިރު ވެސް ނުގުޅި އެއްނު." އަރޫޝާ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ.
އެ ވަރަށް ހަނދާން ވާން ޖެހޭނެ އެއްވެސް ސަބަބެއް ނެތޭ ވެސް އޭނާގެ ހިތަށް އެރިއެވެ.
" ނުގުޅާނަން އަހަންނެއް. ހަމަ ދާއިން ޖެހޭނީ ގުޅަން. ދާއިން އަހަރެންގެ ނަންބަރު ވެސް ނެގީ. ދާއިން ބުނީ ގުޅާނަމޭ ވެސް." ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ އަރޫޝާ ޝަކުވާ ކުރަމުން ދިޔައެވެ.
މަދީހާ ހުރީ ރިޒާ ފާހާނާއިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ނިކުތުމާއެކު ސައިބޯން އިނދެ އަރޫޝާ ދެއްކި ހުރިހާ ވާހަކައެއް މަދީހާ ކިޔައިދިނެވެ.
" އެހެންވީމަ ނަދީމްއާ ކައިވެނި ކުރަން ބުންޏަސް އެ މަންޖެ ދެކޮޅެއް ނަހަދާނެތާ!" ރިޒާ ބުނެލިއެވެ. އުފާވެރި ރާގެއްގައެވެ.
" ނަދީމް އެއްބަސް ވާނެބާއޭ ހިތަށް އަރަނީ. އަނެއްކާ އެސޮރަކީ އަހަރެމެން ގާތު އެކަހަލަ ވާހަކަ ދައްކާ ކުއްޖެއްވެސް ނޫން. ނޭނގެ މީހަކާ ރައްޓެހި ނުވާ ކަމެއް ވެސް. " މަދީހާ ބުނެލީ ފުން ވިސްނުމެއްގައި އިނދެއެވެ.
" އަރޫޝާއަށް އަހަރެމެންގެ އުފާ މުހިއްމު ވާއިރު ނަދީމްއަށް ކީއްވެ އެކަން ނުވާންވީ؟ އެއީ އަދި އަހަރެމެންގެ އުފަން، އަމިއްލަ ދަރިއެއްނު." ރިޒާ ހުރީ ހަމަޖެހިފައެވެ.
" މިހާރު ދާއިންއަށް މާލެ ދެވިދާނެ. އަހަރެމެންނަށް ނުވެސް ގުޅައެއްނު. ދާއިން އުޅޭ ގޮތާމެދު ވިސްނީމަ އަހަރެންގެ ޕްރެސަރު މަތިވަނީ." މަދީހާ ބުންޏެވެ.
" ޕްރެސަރު މަތި ކުރަން ވިސްނާނެ ކަމެއް ނެތޭ. ދާއިން އަމިއްލަ ފައިމައްޗަށް ތެދުވެގެން ރަނގަޅު މަސައްކަތެއް ކުރާނެ ކަމުގެ އުއްމީދުގައި ހުރެބަލަ. އެއީ ކުޑަ ކުއްޖެއް ނޫނޭ. " ރިޒާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
ދާއިން އިނީ އާބިދުއާ އެކު ކޮފީއެއްގައެވެ. އިރުއިރުކޮޅުން އޭނާއަށް ވެސް ފޯނަށް ބަލައިލެވެއެވެ. އަރޫޝާގެ މެސެޖެއް ނުވަތަ ކޯލެއް ވެސް ލިބިދާނެކަމަށް އޭނާއަށް އުއްމީދު ކުރެވެއެވެ. ނަމަވެސް އަރޫޝާގެ އެއްވެސް ހަބަރެއް ނުވާތީ ދާއިން އިނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.
" އަދިވެސް ސައިކަލު ކަންތަކާ ވިސްނަނީތަ؟ އަހަރެން ބުނިން ދޯ ދާއިންއަކީ އަހަރެންގެ ބެސްޓީއޭ. ދާއިންއަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަންނަށް ވެސް ލިބޭ ގެއްލުމެއް. އެހެންވީމަ އަހަރެންގެ ސައިކަލް ހަލާކު ވެގެން އަހަންނަށް ވުރެ ބޮޑަށް ދާއިން ހާސްވާކަށް ނުޖެހޭނެ. އަދި އެ ހަދަން ދިޔަ ހަރަދު ވެސް ދާއިން އަކަށް ދޭކަށް ނުޖެހޭނެ." އާބިދު ބުންޏެވެ.
އާބިދުގެ ވާހަކަތައް އަޑުއަހަން ދާއިން އިނީ މާޔޫސްވެފައެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް ވެސް އޭނާއަކަށް ނޭނގެއެވެ. ޝުކުރު އަދާ ކުރަން ވެސް އޭނާ އިނީ ލަދުންނެވެ.
" މިހެން ބުނީމަ އަނބުރާ ރަށަށް ދާނީކީ ނޫން. އަހަރެމެން ވެސް މިއުޅެނީ މިހާރު މިކޮޅުގައެއްނު. ދެން ދާއިން ރަށަށް ގޮސްގެން ކިހާ ފޫހިވާނެ." އާބިދު ބުންޏެވެ.
އާބިދުއަށް ނޭނގުނަސް ދާއިން ރަށުން އައީ އަންނަ ހިތަކުން ނޫނެވެ. ދާއިންއަށް ވެސް ކުރެވެނީ އެފަދަ އިހުސާސެކެވެ. އޭނާގެ ހިތަށް ވާ ގޮތެއް ދުލުން ހާމަ ކުރަން އަދިވެސް އޭނާ އިނީ ނުކުޅެދިފައެވެ.
" އަހަރެން ބަލާނަން މާލެ ކައިރި ރިސޯޓަކުން ޖޮބެއް ލިބޭތޯ. އޭރުން ފަސޭހަ ވާނެއެއްނު މާލެ އަރަން ވެސް. އޮފްޑޭ އަށް އައިސް ވެސް މަގޭ ރޫމްގައި ހުރެވޭނެ އެއްނު މިހާރު ތި އުޅޭ ގޮތަށް ހަމަ. ހާސްވާނެ ކަމެއް ނެތް. " އާބިދު ހިޔާލު ދެމުން ދިޔައެވެ.
އޭރުވެސް ދާއިން އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. އޭނާގެ މޫނުމަތީގެ ޝުއޫރުތަކުން ކޮންމެވެސް ބޮޑު ބަދަލެއް އައިސްފައިވާކަން އާބިދަށް ފާހަގަ ކުރެވުނެވެ.
" ބްރޯ ހާދަ ވައި ވެފައި ތި އިންނަނީ؟ މިހާރު ދެން ސައިކަލު ކަންތަކާ ވިސްނައިގެން ނުވާނެ ދޯ. މަ މި ކިޔަނީ އެކަމާ ނުވިސްނާށޭ. ދެން ކޮންކަމަކާތަ ތި ހާޑު ވަނީ؟" އާބިދު އެހިއެވެ.
ދާއިން ދެ އަތުން މޫނު ފުހެލަމުން އާފުރެލިއެވެ. އަދި އާދައިގެ ގޮތަކަށް ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ނޭނގެ. ހަމަ ފޫހި ވަނީ. " ދާއިން ބުންޏެވެ.
" ދާއިން ދެން ބިޓެކޭ ނަގަންވީ. އޭރުން ފޫހި ފިލާނީ. " ހެމުން ހެމުން އާބިދު ބުންޏެވެ.
އާބިދުގެ ޖުމްލައިން ދާއިންއަށް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. އަރޫޝާގެ ރީތި މޫނު އޭނާގެ ކުރިމަތީގައި ކުރެހިގެން ދިޔަ ކަހަލައެވެ. އެ ސިފަ އޭނާއަށް ކަމުދިޔަކަން ފުރަތަމަ ފަހަރަށް އިހުސާސް ވެސް ކުރެވިއްޖެއެވެ.
" ޔަގީން މަށަށް ނޭނގި ކަމެއް ކުރަނީކަން. " އާބިދު ބުންޏެވެ.
ދާއިން އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ނޫނޭ. އަހަންނަކީ ބިޓެއް ވާ މީހެއް ނޫނެއްނު. އެކަމަކު މިހާރު ކުއްޖަކާމެދު ވިސްނޭހެން ހީވޭ..." ދާއިން ބުންޏެވެ.
އާބިދުއަށް ބާރަށް ހެވިއްޖެއެވެ. ދާއިންގެ މޫނުމަތިން ފެންނަމުން ދާ ލަދުރަކި ކަމަކުން އާބިދު ހީހީ އަވަދި ވަނީއެވެ.
" އެކަމަކު ވާ ކަލެއަށް ތިހެން ބުނެވުނު އިރު މުޅި މީހާ އަންހެން ކުއްޖަކު ހެން ތިހިރަ ބްލަޝް ވަނީ އެއްނު." އާބިދު ބުންޏެވެ.
" ތި ބުނާ ކުއްޖަކާމެދު ވިސްނަނީކީއެއް ނޫން. ހަމަ ރަނގަޅަށް ވެސް ތިހުރީ ތި ކުއްޖަކު ދެކެ ލޯބިވެވިފައި." އަނެއްކާ ވެސް އާބިދު ބުންޏެވެ.
އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނާއަށް އަރޫޝާ ދެކެ ލޯބި ވެވުނީތޯ ހިތާހިތާ ސުވާލު ކުރެވުނެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!