ޓިކްޓޮކް އެޕްލިކޭޝަންގައި ދައްކާ ނޭދެވޭ ކޮންޓެންޓްގެ ސަބަބުން އެމީހުންގެ ދަރިންނަށް ގެއްލުން ލިބި، އޭގެ ތެރެއިން ދެކުދިން 15 އަހަރުގައި އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ ފަރަންސޭސި 7 އާއިލާއަކުން ޓިކްޓޮކްގެ މައްޗަށް ދައުވާ ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ޓިކްޓޮކްގެ އެލްގޮރިދަމްގެ ސަބަބުން އެ 7 ޓީނޭޖަރުންނަށް އަމިއްލައަށް މަރުވުމާއި، އަމިއްލައަށް ގެއްލުން ދިނުމާއި، ކެއުމުގެ އާދަތަކާ ގުޅޭ މައްސަލަތަކަށް ހިތްވަރުދޭ ވީޑިއޯތައް ދައްކާފައިވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ކްރެޓީލް ކޯޓަށެވެ. މައްސަލަ ހުށަހެޅި އާއިލާތަކުގެ ވަކީލު ލޯރާ ބޮޓްރޮން-މާމިއޮން ބުނެފައިވަނީ މިއީ ޔޫރަޕްގައި މިފަދަ މައްސަލައެއް ގްރޫޕްކޮށް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށެވެ.

Ad
rt

މި މައްސަލައިގައި މައިންބަފައިން ބޭނުންވަނީ ޓިކްޓޮކްގެ ޤާނޫނީ ޒިންމާ ކޯޓުން ބަލައިގަތުން ކަމަށް ވަކީލު ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ވިޔަފާރި އުސޫލުން ޕްރޮޑަކްޓެއް ވިއްކާ ކުންފުންޏެއް ކަމަށާއި، އެހެންކަމުން އެ ޕްރޮޑަކްޓްގެ އުނިކަންތައްތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ޓިކްޓޮކްގެ އިތުރުން މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމްގެ މައްޗަށްވެސް އެމެރިކާގައި ސަތޭކަ އަށްވުރެގިނަ މައްސަލަތައް ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގައި ބުނެފައިވަނީ މިފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން މިލިއަނުން ގުނާލެވޭ އަދަދެއްގެ ކުދިން އެޑިކްޓްވެ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ޓިކްޓޮކްއިން މި މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް ކުރިން ޓިކްޓޮކްއިން ބުނެފައިވަނީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތަކަށް ސީރިއަސްކޮށް ރިއާޔަތްކުރާ ކަމަށެވެ. އަދި މިއަހަރު އެމެރިކާގެ ޤާނޫނު ހެދުމުގެ މަޖިލީހުގައި ޓިކްޓޮކްގެ ސީއީއޯ ޝޯ ޒީ ޗިއު ބުނެފައިވަނީ އެޕްލިކޭޝަން ބޭނުންކުރާ ޒުވާނުން ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅުތަކަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.