މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ކުރާ ކަަމަކުން ލިބޭނެ ރީތިނަމެއް ނެތް، އުފަލެއް އަދި ކާމިޔާބެއް ވެސް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
އެއަށްފަހު ރައީސް ވަނީ ކީރިތި ޤުރްއާންގެ އަންނަނިވި އާޔަތާއި، އެ އާޔަތުގެ މާނަ ލިޔުއްވާފައެވެ.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."
ރައީސް މިހެން ވިދާޅުވެފައި މިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރާއި އެއްވެސް ގުޅުމެއް އޮތްކަމެއް ނޫން ކަމުގައި ޔޫތު މިނިސްޓްރީން މިއަދު ބުނެފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ދިވެއްސަކު ބައިވެރިވުން، އެއީ ރާއްޖެ ތަމްސީލް ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ނޫން ކަމަށެވެ.
ސަރުކާރުން މި ބަޔާން ނެރެފައި ވަނިކޮށް ސިޔާސީ ޕާޓީއެއްކަމަށްވާ ދަ ޑިމޮކްރަޓިކްސް އާއި ބައެއް ސިޔާސީ ފަރާތްތައް އަންނަނީ ދިވެހިރާއްޖެއިން މިސް ޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމާފައިވާ މަރިޔަމް ޝައިނާ ނަސީމަށް ހިތްވަރު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!