ހދ. ކުޅުދުއްފުށި ޕޯޓު ލިމިޓެޑުން، ކުޅުދުއްފުށި ސިޓީގައި މިފަހުން ހުޅުވި ޕަބްލިކް ލައިބްރަރީއަށް 124 ފޮތް ހަދިޔާކޮށްފި އެވެ.
މިފޮތްތަކާއި ހަވާލުވެ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ.
މި ހަދިޔާއާއެކު ލައިބްރަރީގެ ފޮތްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، މިއީ މުޖުތަމައުގެ ފަރުދުންނަށް އިތުރު މައުލޫމާތާއި އާ ތަޖުރިބާތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަމަށް ލައިބްރަރީން ބުނެއެވެ.

ޕޯޓުން ލައިބްރަރީއަށް ކޮށްދެއްވި މި އެހީއަކީ، އެ ކުންފުނިން މުޖުތަމައަށް އަދާކުރަމުންދާ ޒިންމާގެ ރަމްޒެއްކަމަށްވެސް ލައިބްރަރީން ފާހަގަކޮށްފައިވެއެވެ.
ދެ ސްޓަޑީ ރޫމް އަދި ވެލްނެސް ރޫމަކާއި އެކު އާއްމުންނަށް ހާއްސަކޮށްގެން ލައިބްރަރީއެއް އެ ސިޓީގައި ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ވެލްނެސް ރޫމްއަކީ ރަށުން ބޭރުގައި ތިބޭ ކައުންސެލަރުންނަށް އޮންލައިން ކޮންސަލްޓޭޝަން ހެދުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.
ލައިބްރަރީ ގާއިމްކޮށްފައިވަނީ، ލޯކަލް މާރުކޭޓެއް ހަދަން ޕީއެސްއައިޕީގެ ބަޖެޓުން މީގެ ކުރިން އިމާރާތްކޮށްފައި ހުރި ތަނުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!