މޯލްޑިވްސް އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުންދިން ބިދޭސީ މީހާ ޑީޕޯޓް ކުރާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ބިދޭސީންތަކެއް ވަނީ ހައްޔަރުކޮށްފައިވާއިރު، މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅައި، އެތަނުގެ ވެހިކަލަށް ބިދޭސީއަކު ވަނީ ގެއްލުން ދީފައެވެ.
އެމީހާ މިވަގުތު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރިއިރު، މި ބިދޭސީ މީހާ ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯރޓް ކުރެވޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ކޮންޓްރޯލަރ ޝަމްޢާން މީގެ ކުރިންވެސް އިލްތިމާސްކުރައްވާފައެވެ.
އިމިގްރޭޝަނުން ރޭ ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ރޭ މާލޭގައި ހުރި 4 ޓޭކްއަވޭ/ކެފޭ ބަލައި ފާސްކޮށް، 6 ބިދޭސީ ފިރިހެނުންނާއި އެއް އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރެއިން 3 ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ވަނީ ބަންދުކޮށްފައެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 100 އަށްވުރެއްގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!