ކުޅުދުއްފުށި ސިޓީގެ އިންޖީނުގޭގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އެނދުމާއި ގުޅިގެން، މުޅި އެ ސިޓީން ކަރަންޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދީފިއެވެ.
ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާއި ގުޅިގެން އެ ސިޓީން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު ހެނދުނު 9:15 ގައެވެ. މި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދެވޭނެކަމަށް ފުރަތަމަ ފެނަކައިން ލަފާކުރީ މިއަދު ހަވީރު 18:00 ގައެވެ. ނަމަވެސް މައްސަލަ ހައްލުކޮށް އެ ސިޓީއަށް ކަރަންޓް ދެވިފައި ވަނީ މިރޭ 20:10 ގައެވެ.
އެ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ބައެއް މުވައްޒަފުން ވެސް މިއަދު އެ ސިޓީއަށް ދިޔައެވެ. ފެނަކައިން ވަނީ ސްޓެލްކޯގެ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އެ ސިޓީގައި ކަރަންޓް މެދުކެނޑޭތާ ދެ މަސް ދުވަސް ވުމާއި ގާތްވެފައި ވަނިކޮށް އައު އިންޖީނެއް ގެނެސް އިންސްޓޯލްކޮށް ކަރަންޓް ދޭން ފަށާފައި ވަނީ މި ހަފްތާގެ ތެރޭގައެވެ.
ފާއިތުވި ދެ މަހެއްހާ ދުވަހު އެ ސިޓީން ކަރަންޓް ކެނޑޭ މައްސަލަތައް ބޮޑުވެ ދާދިފަހުން ވަނީ ރައްޔިތުންގެ ބަޔަކު ނުކުމެ މުޒާހަރާ ވެސް ކޮށްފައެވެ.
އެ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އޭޕްރީލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!