" އަންނާށޭ ބުންޏަސް ޒާއަށް އާދެވޭނެތަ؟ "
ފަރުވާކުޑަ ރާގަކަށް މުއާޒް އެހެން ބުނުމުން ޒާރާގެ ދޫ ބަންދުވީ ކަހަލައެވެ. ތެދެކެވެ. ޖުމާ އެކަނި ކޮށްފައި އޭނާއަކަށް ނުދެވޭނެއެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ޒާރާ ވާހަކަ ދައްކަން ފެށިއެވެ.
" އާނ! ނުދެވޭނެ... އެކަމަކު ޖުމާ ވިހާ ގަދަވީމަ އަހަރެން ދާނަން މުއާ ގާތަށް"
ޒާރާ އެހެން ބުނުމުން މުއާޒް ކުރު ގޮތަކަށް ހީލި އަޑު ޒާރާއަށް އިވުނެވެ. ޒާރާގެ ހިތަށް ތަދުވި ނަމަވެސް މުއާޒަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ކަން ޒާރާއަށް އެނގެއެވެ. އޭނާ އެކަމާ ދެކޮޅެއްވެސް ނަހަދައެވެ.
" ދެން ޖުމާ އުޅޭނީ ވަކި ކޮންތާކު؟ ކުޑަކުޑަ ދަރިޔަކު ގޮވައިގެން އެކަނި ކިހިނެއް އޭނަ އުޅެނީ؟ "
މުއާޒްގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ޒާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" މާތްﷲ ކަންތައްތައް މަގުފަހި ކުރައްވާނީ ކިހާ އަވަހަކަށް ކަމެއް ނޫނީ ކިހާ ދުވަހަކުން ކަމެއް އަހަރެމެންނަކަށް ކުރިއަކުން ނޭނގޭނެ! ޖުމާއަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން އަހަރެން އަބަދުވެސް އޭނައަށް ހަނދާންކޮށްދެން.. "
ޒާރާ ވާހަކަ މެދުކަނޑާލުމާއެކު މުއާޒަކަށް މަޑަކުން ނުހުރެވުނެވެ.
" ކިހިނެއްވީ؟ ދެރަގޮތެއް ވީތަ؟ "
" ނޫން! އަލްޙަމްދުލިﷲ! މާހިލް ޖުމާއާމެދު އެފަދަ ގޮތަކަށް ކަންތައް ކުރިޔަސް އިރާދަކުރައްވައިގެން ޖުމާއަށް ދެރަގޮތެއް ނުވެ"
ޒާރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން މާހިލްއާމެދު ޒާރާގެ ހިތުގައި ނުރުުންތެރިކަން އޮތްކަން މުއާޒަށް ޔަޤީން ކުރެވުނެވެ.
" ދެން މިތަނަށް މާހިލްގެ ވާހަކަ ގެންނާނެކަމެއް ނެތް. އަހަރެންވެސް އެކަންތައްގަނޑުގެ ވާހަކައެއް ނުދައްކަމެއްނު.. ދައްކަން ވެއްޖެއްޔާ އަހަރެމެން ދެމީހުން ޖެހޭނީ ދެބަސްވާން.. އެގޮތް ބޭނުން ނުވާތީ މިދިރިއުޅުން ކުރިއަށް ގެންދެވެން އޮތް ގޮތަކަށް މި ގެންދަނީވެސް.. ޕްލީޒް ޒާ! އިތުރަށް ކޮއްކޮއަށް އެއްޗެއް ނުބުނޭ!"
މުއާޒްގެ އަޑުން ޒާރާއަށް ދެލޯ މަރާލެވުނެވެ. އަދިވެސް މުއާޒްގެ ޤަބޫލުކުރުން ބަދަލު ނުވާކަން ޔަޤީން ވުމުން ޒާރާ ވަރަށް ހިތުގައިވެސް ޖެހުނެވެ. އެހެނަސް މުއާޒް އެދުނު ފަދައިން އެދެމީހުންގެ މެދުގައި އިތުރަށް މައްސަލަތަކެއް ޖެހެން ޚުދު ޒާރާވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.
" މުއާ! ޖުމާގެ ކައިވެންޏަށް ޝާހު އެދިއްޖެ! "
" އޭނ؟ ޝާހު އޭ؟ އެއީ... އެއީ ތިގޭ ޝާހުތަ؟ "
ހައިރާންވެފައި މުއާޒަށް ސުވާލު ކުރެވުނެވެ.
" ހޫމް.. އޭނަ! ޖުމާ ވިހެއީމަ ކައިވެނި ކުރަނީ! އޭނަ ވަރަށް ބޭނުންވޭ ޖުމާއާ ގުޅެން. އަދި ޖުމާވެސް ބުނި އެކަމަށް ރުހޭ ވާހަކަ! "
ޒާރާ ވާހަކަ ދެއްކީ ނުހަނު ލަސްލަހުންނެވެ.
" ދެން... ޒާ އޯކޭތަ؟އެއީ ނުވެސް ދަންނަ މީހެއްނު! ދެން ޖުމާވެސް ހަމަ އެކަމަށް އޯކޭ ދިނީތަ؟ "
ޤަބޫލު ނުކުރެވިގެން މުއާޒަށް އެތައް ބައިވަރު ސުވާލުތަކެއް ކުރެވުނެވެ. އެހެންކަމުން ޒާރާއަށް އަނެއްކާވެސް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހެވުނެވެ.
" މާބޮޑަށް ދަނެގެން ގޮސް މާ ގާތް ބޮޑުވީމަ ނިކުންނަ ނަތީޖާ ބައެއް ފަހަރު ވަރަށް ހިތިވޭ! ދެން ކައިވެނި ކުރަން ބޭނުންވީމަ އަހަރެންވެސް ޤަބޫލުވީ.. އަހަރެމެން ދެމީހުންގެ ލައިފްއާމެދު ޖުމާ ވަރަށް ވިސްނާ! ބައެއް ފަހަރު އަހަންނަށް ހީވޭ އޭނަ އެހާ އަވަހަށް އެކައިވެންޏަށް އެއްބަސްވީވެސް އަހަރެން މުއާ ގާތަށް ފޮނުވާލަން ވެގެންނޭ.. އޭނަ ޝާހުދެކެ ލޯތްބެއް ނުވޭ! އޭނަ އަދިވެސް ލޯބިވަނީ މާހިލްދެކެ.. އަހަންނަށް އެކަން ޔަޤީން.."
ޒާރާގެ ވާހަކަތައް އަޑުއަހަން އޮތް މުއާޒަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މުއާޒް އެއްޗެއް ބުނޭތޯ އިރުކޮޅަކު އޮތުމަށްފަހު އަނެއްކާވެސް ޒާރާ ވާހަކަ ދެއްކިއެވެ.
" ދެން ބުނެބަލަ! ހަމަ ނާންނާނަންތަ؟ "
" ހޫމް.. އަހަރެން ދެން ބުނާނަން ދެވޭނެ ދުވަހެއް! މިވަގުތު މިއުޅެނީ ފިހާރައަށް ދާން.."
ކޮޓަރި ދޮރުގައި ކަފީލާ ޖަހާލުމާއެކު މުއާޒް އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އެހާ ފަރުވާކުޑަ ގޮތަކަށް މުއާޒް ފޯނު ބޭއްވުމުން ޒާރާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ޒާރާގެ ޖަވާބެއް ނުލިބެނީސް މީގެ ކުރިން އެއް ފަހަރުވެސް މުއާޒް ފޯނު ބާއްވާފައެއް ނުވެއެވެ. އެހެންކަމުން ޒާރާއަށް މުއާޒާމެދު ވިސްނެން ފެށިއެވެ.
" ޒޯޔާ އެބައިން މޫދަށް ދާން ވެގެން ނިކުމެ ބޭރު ޖޯލީގައި.. ތުނޑީ މޫދަށް އޭނަ ގެންދަން ދާންވީއެއްނު"
ކަފީލާ އެހެން ބުނުމާއެކު މުއާޒްގެ ހިތަށް އުނދަގޫވިއެވެ. މަންމަ އެގޮތަށް އުޅޭތީ މުއާޒް ބައެއް ފަހަރު ރުޅިވެސް އާދެއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި ނުރުހުންތެރިކަން ދައްކާކަށް އޭނާއަކަށް ނުކެރުނެވެ.
" މިގަޑީގައިތޯ؟ އެގާރަ ޖަހައިފިއެއްނު.. ވަރަށް ހޫނު ގަދަވެސްވާނެ.. "
ނުދާނަމޭ ބުނަން ނުކެރިގެން މުއާޒް ބަހަނާ ދައްކަން ފެށިއެވެ.
" އަވިގަދައިރު ދޯ މޫދަށް ދާނީ މީހުން! ދެން ދޭ އެއްޗެހި ބަދަލުކޮށްގެން އަންނަން.. އަވަހަށް ނިކުންނާތި.."
މަންމަގެ ޖުމްލައިން މުއާޒް އިތުރަށް ހައިރާންވިއެވެ.
" އަ..އަޅުގަނޑެއް ނޭރޭނަން މޫދަކަށް.. ޒޯޔާ ތުނޑިއަށް ގެންގޮސް އަޅުގަނޑު ދާނީ ފިހާރައަށް"
" ކޮށް ނުދެވެންޏާ ރީތިކޮށް ބުނެބަލަ ނުދެވޭނެޔޭ! ރަށަށް ބީރައްޓެހި އަންހެން ކުއްޖަކު ތުނޑީ މޫދަށް ދޫކޮށްފައި އަންނަން ހެޔޮވާނެތަ؟ މުއާޒަށް ކެރޭދޯ މިހާރު މަންމަ އެދޭ ކަންތައްތަކާ ދެކޮޅު ހަދަންވެސް؟ އެނގެޔޭ ދެން ކަންތައްތައް ދާނީ ތިހެންކަން.. އަހަންނަކީ އެއްވެސް މީހެއް ނޫންކަން އަހަންނަށް އެނގެޔޭ! "
ރުޅިވެރި އަޑަކުން ކަފީލާ އެހެން ބުނެލީ މަޑުމަޑުންނެވެ. އެއާއެކު މުއާޒަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" މަންމާ! އަޅުގަނޑު މާލެ ނުދިޔައީވެސް މަންމަ އެދިލެއްވީމަ! މަންމައަށް އެނގިލައްވާނެ އަޅުގަނޑުގެގޮތް! އަޅުގަނޑަކަށް ނުކެރޭނެ ޒޯޔާ ގޮވައިގެން އެގޮތަށް މަޖާކޮށް އުޅޭކަށް. މީހުންވެސް ކީކޭތޯ ހިތަށް އަރާނީ؟"
ހިތަށް އުނދަގޫވީވަރުން މުއާޒްގެ ކެތްތެރިކަން ކޮޅުން ލިއެވެ. މުއާޒްގެ މޫނަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެން ހުރި ކަފީލާ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.
" ހޫމް.. މުއާޒް މޫދަށް ނޭރުނަސް ޒޯޔާ ގޮވައިގެން އެތަނަށް ދޭ! އޭނަ ނިމުނީމަ ގެއަށް ގެނެސް ދެން ދޭ ފިހާރައަށް! އެއީ އަދި މިރަށު މީހުން މުއާޒަށް ބަދު ބަހެއް ބުނާވަރުގެ ކަމެއް ނޫނެއްނު.. އެހެން ނޫނަސް އޭނަ މިހާރު އެއިނީ ނިކުމެ"
މުއާޒް ދޭނެ ޖަވާބަކަށް ބެލުމެއްނެތި ކަފީލާ އެނބުރި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގޮސް ކޮޓަރިއަށް ވަންނަންދެން މުއާޒް ހުރީ ކަފީލާއަށް ބަލާށެވެ. އިތުރު ގޮތެއް ނެތްކަން ޔަޤީން ވުމާއެކު މުއާޒް ހިނގައިގަތީ ބޭރު ދޮރާ ދިމާލަށެވެ. ދޮރުމަތީ ހުއްޓި، ޖޯއްޔާ ދިމާލަށް ބަލައިލިއިރު އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން ޒޯޔާ އޮތީ ދެލޯ މަރާލައިގެންނެވެ. އޭނާ ލައިފައިވަނީ ފަލަމަސްގަނޑުން ބޮޑު ބައެއް ހާމަވާވަރުގެ ކުރު ސޯޓަކާއި އަތްކުރު ޓީޝާޓެކެވެ. ބޮލުގައި އަޅާފައިވާ ބޮޑު ތާކިހަލުން މޫނުމަތީގެ ބޮޑު ބައެއް ވަނީ ފޮރުވިފައެވެ. ނިވާކަން ކުޑަ ހެދުމެއްލައިގެން އޮތުމުން މުއާޒް އޭނާ ގޮވައިގެން ދާ ޚިޔާލު މުޅިން ބަދަލު ވެއްޖެއެވެ.
" ކޮބާ؟ ޒޯޔާ! އަވަހަށް ދޭ! "
ހެވިފައި ހުރެ ގޭތެރެއިން ނިކުންނަން އައި ކަފީލާގެ އަޑުން މުއާޒް އެއްފަރާތަކަށް ޖެހިލިއެވެ. ސިހިފައި ޒޯޔާ ތެދުވެގެން އޭރު އޭނާއާ ދިމާލަށް އާދެއެވެ.
" އާނ! ވަރަށް ދާހިތުން މިހުރީ.. މޫދަށް އެރޭ ހިތުން މިއައީވެސް މިރަށަށް"
ޒޯޔާ ހެވިފައި ހުރެ ބުންޏެވެ. އޭރު ކަފީލާވެސް ހުރީ އުފާވެރި ގޮތަކަށް ހެވިފައެވެ.
" ވަރަށް އަވި ގަދަ އިނގޭ! ތިހާ ދޮން ކުއްޖަކު އަނދާކަށް މާގިނަ އިރުތަކެއް ނުނަގާނެ.. އަނެއްކާ މާލެ ދާއިރަށް މަންމަ ބުނެފާނެ ދެން ރަށްރަށަކަށް ނުފޮނުވާނަމޭވެސް"
މަޖާވެލާފައި ކަފީލާ އެހެން ބުނުމުން ޒޯޔާ ހީގަތެވެ. ނަމަވެސް މުއާޒް ހުރީ ހިތްހަމަ ނުޖެހޭ ގޮތަކަށް މޫނު ހަދައިގެން ފޯނާ ކުޅޭށެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ކަފީލާއަށް ކިތަންމެ ރަނގަޅަކަށްވެސް ދެނެގަނެވުނެވެ.
" ދަރިފުޅު ދެން ދާންވީނު.."
ފާރުގައި ލެނގިލައިގެން ހުރި މުއާޒަށް ބަލަހައްޓައިގެން ހުރެ ކަފީލާ ބުންޏެވެ. އެއާއެކު އެހުރި ގޮތަށް އޭނާ ހިނގައިގަތީ ނިކުންނާށެވެ. ފަހަތުން ޒޯޔާވެސް ދިޔައެވެ. އެމަންޒަރު ބަލަން ކަފީލާ ހުރީ ހެވިދިލިފައެވެ. އެމީހުން ނިކުތުމާއެކު ކަފީލާ އަވަސް އަވަހަށް ގޭތެރެއަށް ދެމިގަނެ، ކޮޓަރިއަށް ވަނެއެވެ.
" މުއާޒް އެދިޔައީ ގޮވައިގެން! އަހަންނަށް ހީވަނީ އެސޮރުވެސް މިހާރު ޒޯޔާދެކެ ގަޔާ ވާހެން"
އުފާވެރި ރާގަކަށް ކަފީލާ ވާހަކަ ދެއްކީ ޒޯޔާގެ މަންމަ ޒާހިދާއާއެވެ.
" އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު! ޒޯޔާ ތިގެއަށް ގޮސް އެންމެ ފުރަތަމަވެސް އަހަރެން ގާތު ބުނީ މުއާޒްގެ ވާހަކަ.. ކަފީލާއަށް އެނގޭތަ؟ މި މާލެއިންވެސް އަހަރެމެންނަށް ޒޯޔާއަށް ކަމުދާ އެއްވެސް މީހަކު ނުފެނުނު.. އެކަމާ ވަރަށް ކަންބޮޑުވެފައި މިތިބެނީވެސް. ބައެއް މީހުން އަހަންނާ ދިމާލަށް ބުނޭ ޒޯޔާ އުމުރަށް ވުރެ ސިކުނޑިޅައޭވެސް. ޒޯޔާގެ ރީތިކަން ފެނި މާލޭގެ މުއްސަނދިންވެސް އޭނަގެ ކައިވެންޏަށް އަހާ. އެކަމަކުވެސް ޒޯޔާއަށް ކަމުދާ އެކަކުވެސް އަދި ދިމާނުވޭ"
ޒާހިދާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ކަފީލާގެ ހިތްވެސް ދިޔައީ ނުތަނަވަސް ވަމުންނެވެ.
" މުއާޒް އުޅެނީ ކައިވެނިކޮށްގެން ކަމަށް ވިޔަސް އޭނަ ޒޯޔާއާ އިންނަން ހުރިއްޔާ އަހަރެމެން ނުޤަބޫލެއް ނުވާނަން! އަހަރެން ކަފީލާގާތު މި އެދެނީ ކޮންމެވެސް ގޮތަކުން ތިކަން ކޮށްދޭށޭ! އަހަރެންގެ ފުރާނަ ފަދަ ދަރިފުޅު ރޮއްވާކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ"
އާދޭހާއެކު ޒާހިދާ ބުންޏެވެ. އެއާއެކު އަނގައިން ބުނަން އުޅުނު ނަމަވެސް ކަފީލާގެ އަރުތެރެވަނީ ބެދިފައެވެ. އެހެންކަމުން ކުޑަކޮށް ކަރު ކެހިލުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ތިކަހަލަ އިޝާރާތެއް ޒާހިދާ އަހަންނަށް ފުރަތަމަ ވީ ދުވަހުން ފެށިގެން އަހަރެން މިއުޅެނީ އެދެކުދިން ކައިރި ކުރެވޭތޯ! މުއާޒަކީ އޭނާގެ އަންހެނުންދެކެ ވަރަށް ލޯބިވާ ވަރަށް އޯގާތެރި ފިރިއެއް! އެކަމަކު އެ ޒާރާދެކެ އަހަރެން އެއް އިރެއްގައިވެސް ލޯތްބެއްނުވެ. އެއީ އަހަންނަށް އެހާ ކަމުދާ ކުއްޖެއްނޫން.. އެހެންވީމަވެސް އަހަރެން ބޭނުން ޒޯޔާ، މުއާޒާ ގުޅެން! ތިޔައީ ވަރަށް ރަނގަޅު ކަމަކަށް ވާނެ.. "
ކަފީލާގެ ވާހަކައިން ޒާހިދާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.
" މުއާޒް އަދި ދުރުދުރުން އުޅުނަސް އަދި ޒޯޔާ ދޫކޮށްލާ ތީރުތައް އޭނާއަށް އަމާޒުވާނެ! މަ ބުނީތީވެސް ކަފީލާ ބަލާތި.. ޒޯޔާއަކީވެސް ވަރަށް ގޮތުގައި ހުންނަ ކުއްޖެއް. އޭނަ ކުރަން ބޭނުންވެއްޖެ ކަމެއް ކޮށްފައި ނޫނީ ދުލެއް ނުކުރާނެ. ހުއްޓައެއްވެސް ނުލާނެ"
އަޑަށް ބާރު ލައިފައި ޒާހިދާ ބުނެލިއެވެ. އެއާއެކު ކަފީލާއަށް ހިނިތުން ވެވުނެވެ.
***
ތުނޑިއަށް ދާން އޮންނަ ދިގު މަގުން ގޮސް މުއާޒް ސައިކަލް މަޑުކޮށްލީ މަގު ކޮޅުގައެވެ. އެހާ ދުރަށް ދިޔައިރުގައިވެސް މުއާޒް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ޒޯޔާއަށްވެސް އޭނާއާ ވާހަކަ ދައްކާކަށް ނުކެރުނެވެ.
" ދޭ! "
ޒޯޔާ ސައިކަލުން ފޭބުމާއެކު މުއާޒް ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އެއާއެކު ޒޯޔާ ދެރަވިއެވެ. ހިތުގައި ބައިވަރު ޝަކުވާތައް ފުނި ޖެހުނެވެ. ނަމަވެސް އޭނާގެ ހިތުގެ ޖަޒްބާތުތައް ސިއްރުކުރުމަށްފަހު ފުޅާ ހިނިތުންވުމަކުން ހީލިއެވެ.
" މިތާ އެއްވެސް މީހަކު ފެންނާކަށްވެސް ނެތް! އަހަންނަކަށް ނުކެރޭނެ އެކަނި އެރޭކަށް.. މުއާ ދަނީތަ އަހަރެން ބަހައްޓާފައި؟ "
ގާތް ގޮތަކަށް ޒޯޔާ އަހާލިއެވެ. އެއާއެކު މުއާޒަށްވެސް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ތެދެކެވެ. އެސަރަޙައްދުގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި އޭނާއަށް ޒޯޔާގެ މޫނަށް ބަލައިލެވުނެވެ. އޭރު އާދޭހުގެ ނަޒަރަކުން ޒޯޔާ މުއާޒަށް ބަލަން ހުއްޓެވެ.
" އެންމެ ރަނގަޅު.. އަހަރެން މަޑުކޮށްލާނަން މި ގަސްދޮށުގައި.. ޒޯޔާ ދޭ މޫދަށް.. އެކަމަކު ބަންގީގެ ކުރިން އަންނަން ވާނެ"
ސައިކަލުން ފޭބުމަށްފަހު މުއާޒް ހިނގައިގަތެވެ. ފަހަތުން ޒޯޔާވެސް ދިޔައެވެ.
" މުއާޒް! މާލޭގައި އަހަރެން އެއްގޮތަކަށްވެސް މޫދަކަށް ނޭރެމޭ... އެހެންވެ ކިހިނެއް މިތަނަށް އެކަނި އެރޭނީ؟ "
ޒޯޔާގެ ޖުމްލަ އަޑު އިވުމާއެކު މުއާޒް ހުއްޓި ޒޯޔާއާ ދިމާލަށް އެނބުރުނެވެ.
" އެހެންވިއްޔާ ހިނގާ ގެއަށް ދާން.. އަހަރެން މިބުނީ އަހަންނަށް މިވަގުތު އެރެން އުނދަގޫވާނެޔޭ.. "
މުއާޒަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެތަނަށް އަންނަން ޖެހުމުންވެސް ޒޯޔާދެކެ އޭނާ ހުރީ ރުޅި އައިސްފައެވެ. މުއާޒްގެ ޖުމްލަ އަޑު އިވިފައި ޒޯޔާ އިންތިހާއަށް ދެރަވެއްޖެއެވެ.
" މުއާ މޫދަށް ނޭރުނަސް... އެތާ މޫދު ކައިރީ ހުރެވިދާނެއެއްނު.."
ކުޑަކުއްޖަކު ފަދައިން ޒޯޔާ އާދޭސް ކުރަން ފެށިއެވެ. ވަގުތުގެ ބޭނުން ނުހިފާ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
" އަޅެ ޕްލީޒް ޒޯޔާ! އަހަންނަށް ފޯރސް ނުކޮށްބަލަ! އަހަރެން މިއީ ތިހެން އުޅޭ މީހެއް ނޫނޭ.. އަހަންނަކީ މިވަރަށްވެސް އަންހެން ކުއްޖަކާ ވާހަކަ ދައްކާ ހަދާ މީހެއް ނޫން.. އަހަންނަކަށް ނުކެރޭނެ ޒޯޔާ މޫދަށް ލައިފައި އަހަރެން އެތާ ކޮޅަށް ޖެހިފައި ހުންނާކަށް.. ކީއްވެތަ ގަދަކަމުން އަހަރެން ލައްވާ ކަންތައްތައް...."
މުއާޒް ބާރުބާރަށް ވާހަކަ ދައްކަމުން ދަނިކޮށް ޒޯޔާގޮސް އޭނާގެ އަތުގައި ހިފައި ފިތާލިއެވެ. އެއާއެކު ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލުމަށްފަހު މުއާޒަށް ހައިރާންވެފައި ޒޯޔާއަށް ބަލަން ފެށުނެވެ.
" ނޫން! ޕްލީޒް މުއާ! އަހަންނަށް އެއްޗެހި ނުކިޔާ! އެއްވެސް ކަމެއް ގަދަކަމުން ކުރުވާކަށް އަހަރެން ނޫޅެން! "
ޒޯޔާ އެހެން ބުނުމާއެކު މުއާޒް ޒޯޔާގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. އޭރުވެސް ޒޯޔާ ހުރީ އޭނާއާ ދާދި ގާތުގައެވެ.
" މުއާގެ އުޅުން ހުންނަ ގޮތެއް އަދި މިޒާޖެއްވެސް އަހަންނަކަށް ނޭނގެޔޭ! ހިނގާ ގެއަށް ދާން! އަހަރެން ދެން މުއާގާތު ދުވަހަކުވެސް ކަމެއްގެ ވާހަކައެއް ނުބުނާނަން.."
ފެންކަޅިވެފައިވާ ޒޯޔާގެ ދެލޯ ފެނި މުއާޒަށް އިސްޖަހާލެވުނެވެ.
" ސޮރީ! އަހަންނަށް މާ ބާރަށް މިކިޔުނީ! އަދި ވަރަށްވެސް ރޫޑުކޮށް.."
މުއާޒް އެހެން ބުނުމާއެކު ޒޯޔާ ހިނިތުންވެލިއެވެ. އަދި މުއާޒަށް ފުރަގަސްދިނުމަށްފަހު ސައިކަލާ ދިމާލަށް ފުރަތަމަ ހިނގައިގަތީވެސް އޭނާއެވެ. ނަމަވެސް އޭރު އޭނާގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިން ބަދަލުވެފައެވެ. ނުރުހުންތެރިކަމާއެކު އެ ދެލޮލުގައިވެސްވަނީ އާދަޔާ ޚިލާފް ބާރެކެވެ.
" އެ އަންހެން ކުއްޖަކަށްޓަކައި ތިހާ ވަފާތެރިވެވޭނީ މަދު ދުވަސްކޮޅަކަށް... އޭނާގެ އަތުން އަހަރެން މުއާ ޖަހައިގަންނާނަން"
ޒޯޔާއަށް ހިތާހިތާ ބުނެވުނެވެ. އޭރު މުއާޒްވެސް އޭނާގެ ފަހަތުން އާދެއެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!