ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައި، އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިރޭ ހުޅުވައިލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި ޢިއުލާނެއްގައި ބުނީ، ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވާކަމަށެވެ.

Ad
rt

އެހެންކަމުން ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް އެ ޢިއުލާނުގައި ބުނެފަވެއެވެ.

މިކަމަށް އެދޭ ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ އެތަނުގެ އީމެއިލް application@nchq.gov.mv މެދުވެރިކޮށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

މިކަމަށް އެދި ހުށައަޅަންޖެހޭ ފޯމު މިމަރުކަޒުގެ ވެބްސައިޓް (www.nchq.gov.mv) އިން ލިބެން ހުރިއިރު، އެ މަރުކަޒުގެ ކައުންޓަރުން ވެސް ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ޤުރުއާނާބެހޭ މަރުކަޒުގެ ޢިއުލާންގައި ބުނެފަވެއެވެ.

އެ މަރުކަޒުން ބުނެފައިވާގޮތުގައި ޤުރްއާން ކިޔަވާ ފަރާތްތައް ހޮވާނީ ކިޔެވުން އަޑުއެހުމަށްފަހު އެވެ.

ކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަންބަރު 3019328 ފޯނަށް ގުޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.