ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތުކޮމެޓީން ނިންމާފައިވާ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވައިލައްވައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހަކު މުސާރައަށް މަހަކު 17،500ރ. އިތުރުކޮށް މަހު މުސާރައިގެ ގޮތުގައި 80،000ރ ލިބޭގޮތައް މުސާރަ ބޮޑުކުރަން ފާސްކޮށްފައެވެ.

Ad
rt

މަޖިލިސް މެންބަރަކަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މިހާރު ވެސް 20،000ރ.ގެ އެލަވަންސެއް ލިބިވަޑައިގަންވާއިރު، ކޮމެޓީގެ މި ފާސްކުރުމާއެކު މެންބަރަކަށް މަހަކު މުސާރައާއި، އެލަވަންސްގެ ގޮތުގައި 100،000ރ ލިބިވަޑައިގަންނަވާނެއެވެ.

މި ނިންމުމާއި ދެކޮޅު ހައްދަވައި ނާޒިމް މިއަދު ''އެކްސް''ގައި ވިދާޅުވީ، ގައުމުގެ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ގައުމަށް ފައިދާހުރިގޮތެއް ނޫންނެވެ.

''ހާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށް މެންބަރުން އިތުރުކުރުމަކީ އަޅުގަނޑު އެހާމެ ކަންބޮޑުވާކަމެއް. މިގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަޣްލަބިއްޔަތުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރިކުރުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ގޮވާލަން.'' ނާޒިމް ވިދާޅުވެފަވެއެވެ.

މަޖިލީހުގެ ކޮމެޓީއެއްގެ ނިންމުމުގައި ޤާނޫނީ ބާރު ޖެހޭނީ އެ ނިންމުންތައް މަޖިލިސް ތަޅުމަށް ފޮނުވައި ފާސް ކުރުމުންނެވެ.