އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތް الله ގެ ހަޒުރަތުގައި ދުއާ ދަންނަވަމުން ނެވެ.

Ad
rt

މިއަދު މި ކާރިސާއަށް މިވަނީ 15 އަހަރު ފުރިފައެވެ. 2004 ވަނަ އަހަރުގެ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި 9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު، އެތަކެއް ހާސް ކިލޯ މީޓަރުގެ ދުރަށް ކުރިއެވެ. އެއާއެކު، އުފެދުނު ބިޔަ ރާޅުގެ ވާހަކައަކީ ހަމަ ޔަގީނުންވެސް ދިވެހީންގެ ހަނދާނުން ފިލައިގެން ނުދާނޭ ފަދަ ބިރުވެރި އަދި ހިތާމަވެރި ވާހަކައެކެވެ.

ޑިސެމްބަރ، 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ކާރިޘާގައި މިގައުމުން، އެކި އުމުރު ފުރައިގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން ހިމެނޭގޮތަށް 82 މީހަކު ނިޔާވިއެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލުނެވެ. ޖުމުލަ 108 މީހުން ނެތިގެން ދިޔައީއެވެ. ބައެއް ރަށްރަށުގެ މުޅި ރައްވެހިކަން އެކުގައި ފޮހެވިގެން ދިޔައީއެވެ. ގާތްގަނޑަކަށް 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ އަސަރު، ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ކުރިއެވެ.