ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މިއަދު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފިއެވެ
މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފައި ވަނީ ޑޮމިނޭޓާސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-1) ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރިއަލް ސްޓާސް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތު ލިބުނު ފުރުސަތުގައި ޑޮމިނޭޓާސް އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ އަފީފް އެވެ.
ދެވަނަ ހާފުގައި ރިއަލް ސްޓާސް އިން ފެށީ ވަރުގަދަ ކޮށެވެ. ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ކުރި މަސައްކަތުން އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުސަތުގައި މޫސާ ކައުޔަޝް ކައިލް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރިއަލް ސްޓާސް އަށް ލީޑު ލިބުނީ ތައުމީމް ނޫހް ޖެހި ލަނޑުންނެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. ރިއަލް ސްޓާސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ހަސަން ޒިއާދުއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ރޫހް އާއި ފިނޭ ދެޒަޔަރ ކްރޫއެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!