މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން މިރޭ ދީފިއެވެ.

އެ ޔަގީންކަން ދިނީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

މި ޕޯސްޓްގައި ނާޒިމް ވިދާޅުވެފައިވާގޮތުގައި، ދިވެހި ރައްޔިތުން، ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެއްވީ، އުޖާލާ ޒަމާނަކަށް އެ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ.

''ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުންނާއި އަޅުގަނޑު ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން'' ނާޒިމް ވިދާޅުވެފަ ވެއެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ އެދިވަޑައިގަތުމަކީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް ޑރ. މުޢިއްޒު ކުރިއަށްގެންދަވާ ތަރައްޤީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދެއްވުމުގައި ދެމިތިއްބެއްވުން ކަމަށެވެ.

ނާޒިމް މި ޔަގީންކަން ދެއްވާފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވައި، ސަރުކާރާ އިދިކޮޅަށް މަސައްކަތް ފައްޓަވާފައި ވަނިކޮށެވެ. ނަމަވެސް ސަރުކާރުހިންގާ ކޯލިޝަނާއި ރައީސް ޔާމީން ފެޔަށްވަޑައިގެން، ބައިބައިވުން އުފެދިގެން ދިޔުމަކީ އެ ފިކުރަށް ތާއީދުކުރާ ދެ ޕާޓީ ގިނަ ޢާންމު މެންބަރުން އެދޭ ގޮތެއް ނޫނެވެ. އެކަން ދަނީ އެމީހުން މީސްމީޑިއާގައި ހާމަކުރަމުންނެވެ.

ރައީސް ޔާމީން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަށް އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، މިރޭ އެ ޕާޓީގެ ނަމާއި ލޯގޯ ޢާންމުކުރައްވާނެކަމަށް ވަނީ ހާމަކޮށްފައެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެކަމަށް އެ މަސައްކަތުގައި އިސްކޮށްއުޅުއްވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.