ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރުމަށް މާދަމާ ހުވާކުރައްވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން، ''ހަފުތާ 14''ގެ ނަމުގައި އާންމު ކުރެއްވީ ރޭގައެވެ.

Ad
rt

މި ޕްލޭންގައި އިޤްތީޞާދާއި ތިމާވެށީގެ ދާއިރާއިން ވެސް ގިނަ ކަންތައްތަކެއް ހިމަނާފައިހުރިއިރު، މި ޕްލޭންގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރުމަށް ހިމަނާފައި ވަނީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ.

މި ޕްލޭންގައި ''އިޤްތީޞާދާއި ތިމާވެށީގެ ދާއިރާއިން'' ހިމަނާފައިހުރި އިތުރު ބައެއް ކަންކަމަށް ބަލާއިރު، ދައުލަތުގެ ކުންފުނިތަކަކީ އެތަންތަނަށް ދައުލަތުން ޚަރަދެއް ކުރަން ނުޖެހި ހިންގުމުގެ ޤާބިލުކަންހުރި ފައިދާވާ ކުންފުނިތަކަކަށް ހެދުމާއި، އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލައި، ރާއްޖެއަށް ވަންނަ ޑޮލަރު ސޮވްރިން ޑިވެޕޮލޮޕްމެންޓް ފަންޑު އަށް އަލުން ޑޮލަރު ޖަމާކުރެވޭ ގޮތައް ހެދުމާއި، އެ ފަންޑަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމާއި، ނިމިދިޔަ ސަރުކާރުން ބޭރުގައުމުތަކުންނާއި ބޭންކުތަކުން ނަގާފައިވާ ދަރަނި ރީ ސްޓަކްޗާކުރުން ހިމެނެއެވެ.

މީގެ އިތުރުން އޮޑިދޯނި ފަހަރު ބަނުމާއި ވަޑާމުގެ މަސައްކަތަށް ދިވެހިންނަށް އިސްކަންދޭ ސިޔާސަތެއް ބައްޓަންކުރުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ''އެންމެނަށް ވަޒީފާ''ގެ ސިޔާސަތު ކަނޑައެޅުމާއި އަދި ދިވެހި ޒުވާނުން ޝައުގުވެރިވާ ދާއިރާތައް ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއްކަމުގައި ކަނޑައެޅުމާއި އަދި ދިވެހިންނަށް ކުރިއަށް ދެވޭނެ ފުރުސަތުތައް ފުޅާކުރުމުގެގޮތުން ''އެކައުންޓިން''، ''އޮޑިޓިން''، ''ލޮޖިސްޓިކްސް''، ''އެއާޕޯޓު މެނޭޖްމަންޓް'' އަދި "ޓްރާންސްޕޯޓު'' ފަދަ ދާއިރާތަކަށް ހާއްސަ ސިޔާސަތުތައް ކަނޑައެޅުން ހިމަނާފަ ވެއެވެ.

ރޭ ޢާންމުކުރެއްވި އައުސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން، ''ހަފުތާ 14" ގައި ހިމެނޭ ކަންކަމުގެ މަގުޗާޓުގެ ލިސްޓުގެ އެންމެ ކުރީގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ހިމެނުއްވާފައި ވަނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމަ އަށް އިޔާދަކޮށްދިނުމުގެ މަސައްކަތެވެ.