ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢަލީ ނަޝާޠު، މިއަދު ޢައްޔަން ކުރައްވާފައިވާއިރު، އޭނާ މެންބަރުކަމުގެ ހުވާ ކުރެއްވުމާއި އެ މަގާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ނަޝާތަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ. އަދި މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.

މިއީ ނަޝާދު އީސީގެ މެންބަރުކަމުގެ ދައުރު ފުރުއްވާނެ ދެވަނަ ދައުރެވެ. އީސީގެ މެންބަރު ކަމަށް ނަޝާދު ފުރަތަމަ ޢައްޔަނުކޮށްފައި ވަނީ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގެ ފަހުކޮޅު 2018 ވަނަ އަހަރުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުނުއިރު ނަޝާދުގެ ދައުރު ހަމަވެފައިވާތީ، އީސީގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު މެންބަރުންނާއެކުގައެވެ.

އިލެކްޝަން ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ތިއްބަވާއިރު، ނަޝާތު ޢައްޔަނު ކުރުމަށް މަޖިލީހުގެ މަރުޙަލާތައް ދިގު ދެމިގެން ދިޔުމުން އޭނާ ޢައްޔަނުކުރުމަށް ވަނީ ދުވަސްތަކެއް ހޭދަވެގެން ގޮސްފައެވެ. މިކަމުގައި މަޖިލީހުގެ މަރުޙަލާތަކަށް ލަސްކަންއައީ މަޖިލީހަށް ހުށަހެޅިފައި އޮތް މަޖިލީހުގެ އޭރުގެ ރައީސްގެ އިތުބާރުގެ މައްސަލައާއިހުރެ އެކި ސަބަބުތައް މެދުވެރިވެގެންނެވެ.