ގައުމަށް ޣައްދާރުވާ މީހުންނާއި ދެކޮޅަށް ގާނޫނެއް ވުޖޫދުކޮށް އަދަބު ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ފެނިގެން މި ދަނީ ގައުމަށް ޣައްދާރުވާ ތަން ކަމަށެވެ. ގައުމު ހަމަ މަގަށް އަޅުވާ ނަމަ، ޣައްދާރުވުން ފަދަ ބޮޑެތި ގެއްލުންތައް ދޭ މީހުންނަށް އަދަބު ދިނުމަށް ސިސްޓަމެއް ގާއިމު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައުމު ހަމަ މަގަށް އަޅުވާ ނަމަ، މިކަން، އަޅުގަނޑުމެންގެ ގައުމަށް ގައްދާރުވުން، އަބަދާއަބަދު އެކި ނަންނަމުގައި އެކި ބޮޑެތި ބޮޑެތި ގެއްލުންތައް ދޭ ދިނުން ނިމުމަކަށް ގެނެވޭނީ، ހަމަޖެހުމެއްގެ ނޭވާއެއް ލާ ކަމަށް ވަންޏާ މިކަމަށް އެބަ ޖެހޭ ސިސްޓަމް ގާއިމް ވާން،" މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ޖުޑިޝަރީއަށް ހުށަހަޅާ ރިޕޯމްގެ ތެރޭގައި މެނިފެސްޓޯގައި ގައުމަށް ޣައްދާރުުވުމުގެ ކުށާއި އޭގެ އަދަބުގެ ވާހަކަ ބަޔާން ކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އޭރުން ކޮންމެ ކޮންމެ މީހަކަށް، ކޮންމެ ފަދަ މަގާމެއްގައި ހުރެފައި ބޭނުންހާ ގޮތަކަށް އެ މަގާމުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާތަކެއް ހޯދަން، ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް މިހާރު ހިންގާ ފަދަ ބޮޑެތި ކަންކަން ނުހިންގޭނެ". މުއިއްޒު ވިދާޅުވިއެވެ.
އަދި އެފަދަ ކަންކަން ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ކޯލިޝަންގެ އެންމެ އިސް ކަމަަކަށް ވާނީ ދިވެހި ގައުމީ ރާއްޖެ އިސްކޮށް، ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ގަބޫލު ކުރާ ފަރާތްތަކާއި އެކިގައި ގުޅުން އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި ދޭތެރޭގައި ކޮމްޕްރޮމައިޒެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ދުލެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ އިސްތިގުލާލު އެއީ އަޅުގަނޑުމެން ވާހަކަ ދައްކާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ގައުމަކު އެހެން އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ. އަޑި ނޭނގޭ އެގްރީމެންޓްތަކެއް ހަދައިގެން އަޅުގަނޑުމެންގެ ގައުމުގެ ތެރެއަށް އެހެން ގައުމުގެ މީހުުން އައިސް އެއީ އެ ގައުމުގެ ސިފައިން ކަމަށްވަންޏާ ހަމައަކަށް އަޅުވަން ޖެހޭނެ." މިފަދަ ކަންކަމާއި އެއްބަސްވާނަމަ ހުރިހާ ގައުމަކާއިވެސް ގުޅުން ގާއިމްވެފައި އޮންނާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މެނިފެސްޓޯގައި ހައްގު ނޫން ގޮތުގައި ހައްޔަރުކޮށް އަދަބު ލިބޭނެ ފަރާތްތަކަށް ބަދަލު ލިބޭނެ ގޮތްތަކާއި އުސޫލުތައް ބަޔާންކޮށްފައި އޮންނަ "ކްރިމިނަލް ކޮމްޕެންޒޭޝަން" ގާނޫނެއް ހުށަހަޅުއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"މިފަދަ މެޝާސްތައް ގެނެސްގެން ނޫންވިއްޔާ ނެތް ޗެކް އެންޑް ބެލެންސް ގެނެވޭކަށް ޖުޑިޝިއަރީއަށް" މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!