މިސަރުކާރުން އިންޑިޔާއާއެކު ބައްވާ ގުޅުމާއި އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުންމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޖޭގެ މިނިވަންކާމާއި ގައުމީ މަސްލަހަތު ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުވިދާޅު ވެއްޖެއެވެ.

ރ. އުނގޫފާރަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއް އޭނާގެ ވެރިކަމެއްގައި ހައްލު ކުރައްވާނެކަމަށެވެ.

Ad
rt

"އަޅުގަނޑުމެން އެންމެ މުހިންމު ކަމަކަށް ވިސްނަން މިއޮތީ އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން، މިނިވަންކަމާއި ގައުމީ މަސްލަހަތު، އެކަން ވަނީ މިއަދު އޮތް ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައި" މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ގައުމުގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ދެމެހެއްޓޭނީ ގައުމީ ފިކުރުގެ ބަޔަކަށް ކަމަށާއި، ރާއްޖޭގެ ކަންކަމުގައި އެހެން ގައުމަކުން ބަސްކިޔައި، ގޮތްކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެން ގައުމެއްގެ ސިފައިން ތިބުން ނިމުމަކަށް ގެނެސް، އަމިއްލަ ވަންތަކަން ދަމަހައްޓައި، މިނިވަންކަން ހިފަހައްޓާނީ އަޅުގަނޑުމެން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ރަށެއް އަދި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމަށާއި އެއްވެސް ތަފާތު ކުރެއްނެތި ތަރައްގީ ގެނެސްދެއްވާނެކަމަށެވެ. އަދި މިސަރުކާރުން ހިންގާ އެއްވެސް ތަރައްގީގެ މަޝްރޫހެއް ހުއްޓާ ނުލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.